ބޮލީވުޑްގެ ދުވަސްވީ އެކްޓަރު އަކްޝޭ ކުމާރު މިހާރު ސޮއިކޮށްފައިވާ ފިލްމު "ވެލްކަމް3"އަށް ބަތަލާ ރަވީނާ ޓަންޑަން ސޮއިކޮށްފައިވާކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެންނަ މަސްދަރުތަކުން ބުނެފައި ވަނީ ރަވީނާ ފިލްމަށް ސޮއިކުރިކަމާއި ފިލްމުގަ ރަވީނާ ކުޅޭނެ ރޯލުވެސް އަދި ވަނީ ސިއްރުކުރެވިފައި ކަމަށެވެ.

ރަވީނާއާއި އަކްޝޭ ކުމާރަކީ 90އިގެ އަހަރުތަކުގައި އެކީގައި ވަރަށް ގިނަ ފިލްމު ކުޅުނު ދެ ތަރިންނެވެ. އެކުގައި މަސައްކަތްކުރާ ދެ ތަރިންގެ އިތުރުން ރަވީނާގެ ފިލްމީ ކެރިއަރުގެ ވަރަށް ކުރީކޮޅު ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުން އުފެދި އެ ގުޅުން ކައިވެންޏާ ހަމައަށް ވެސް ދިޔައެވެ. އެހެންނަމަވެސް އަކްޝޭއާއި ރަވީނާގެ ގުޅުން ކައިވެންޏާ ހަމައަށް ނުގޮސް ދެމީހުންގެ ދެމެދުގައި ކުރެވުނު އެންގޭޖްމަންޓްވެސް ވަކި ހިސާބަކުން ރޫޅުނެވެ.

ފިލްމު "މޮހޮރާ"އަކީ ދެ ތަރިންގެ ލޯބީގެ ގުޅުންއޮތްކަމަށް އަޑުއެރި ދުވަސްވަރު ކުޅުނު ފިލްމެކެވެ. މި ފިލްމުގައި އަކްޝޭއާއި ރަވީނާ އެކުގައި ކުޅެފައިވާ ލަވަތަކަކީ މިއަދާ ހަމައަށް ވެސް ގިނަ ބައެއްގެ މަގުބޫލު ލަވަ ލިސްޓުން ޖާގަ ހޯދާފައިވާ ލަވަތަކެކެވެ.

އަކްޝޭ ކުމާރަކީ ފިލްމީ ކެރިއަރު ފެށިތަނާ ވަރަށް ގިނަ އަންހެން ކުދިންގެ މެދުގައި މަގުބޫލު އެކްޓަރެކެވެ. ކުރީގެ ބަތަލާ ޓްވިންކަލް ކަންނާއާ ކައިވެނިކޮށް ދެ ކުދިންވެސް ލިބިފައިވާއިރު ކައިވެންޏަށްފަހު ވަކި ބަތަލާއިންނާއެކު ފިލްމުކުޅެން ޓްވިންކަލް ނުރުހޭކަމުގެ އަޑުތަކެއް ވެސް އޭރުވަނީ ފެތުރިފައެވެ.

އަކްޝޭއާއެކު އޮތް ލޯބީގެ ގުޅުމަށް ނިމުމެއްއައިތާ މާގިނަ ދުވަހެއް ނުވެ ރަވީނާ ވަނީ ފިލްމު ޑިސްޓްރިބިއުޓަރު އަނިލް ތަޑާނީއާއި ކައިވެނިކޮށްފައެވެ.

ފިލްމު "ވެލްކަމް"ގެ ފްރެންޗައިސްގެ ތިން ވަނަ ފިލްމު "ވެލްކަމް ޓު ދަ ޖަންގަލް"އަށް ރަވީނާ ސޮއިކުރިކަމުގެ ޚަބަރުތައް ތިލަވެފައިވާއިރު ރަވީނާއާއި އަކްޝޭ އެންމެފަހުން އެކީގައި ފިލްމަކުން ފެނުނީ 2004ވަނަ އަހަރުއެވެ.

ހެއްވާ މަޖާ އެތައްކަމެއް ދައްކުވައިދޭ "ވެލްކަމް" ފްރެންޗައިސްގެ ފިލްމުތަކަކީ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމުތަކެކެވެ. ރަވީނާގެ އިތުރުން މި ފަހަރުގެ ފިލްމުން ސަންޖޭ ދަތު، ސުނިލް ޝެޓީ އަދި އަރުޝަދު ވަރުސީ ވެސް މުހިއްމު ރޯލްއިން ފެންނާނެއެވެ. ޑައިރެކްޓަރު އަނީސް ބަޒްމީގެ 2005ވަނަ އަހަރު ތަޢާރަފްކުރި މި ފިލްމުގެ ފުރަތަމަ ބައިގެ ބަތަލާއަކީ ކެޓްރީނާ ކައިފްއެވެ.