25 Aug 2023, 00:11
ކޮވިޑުގެ ބަލި މަޑުކަމަށްފަހު ރާއްޖޭގެ އިގްތިޞާދު ހިނގައިގަނެފައިވާއިރު ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން މިއަދު ދުނިޔޭގެ ގައުމުތަކުން ރާއްޖެ މިސާލަކަށް ބަލަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މެނިފެސްޓޯގެ ފަހު ސިޔާސަތު އިއުލާނު ކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ, ދައުލަތަށް 2020 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރި 31 ބިލިއަން ރުފިޔާ ނުލިބުނީ ކޮވިޑްގެ ބަލިމަޑު ކަމުގެ ސަބަބުން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އަންދާޒާ ކުރިވަރަށް ވުރެ އިތުރަށް ހަތަރު ބިލިއަން ރުފިޔާ އެ އަހަރު ޚަރަދު ކުރަން ޖެހުނު ކަމަށެވެ.
އެ ދަތި އުނދަގޫ ތަހައްމަލު ކުރި ނަމަވެސް ބައެއް ރަށް ރަށަށް ދިއުމުން އެ ރަށްތަކަށް ބައެއް ކަންތައްތައް ނުކޮށްދޭކަން ރައްޔިތުން ފާހަގަކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮވިޑް ތެރޭގައި ތަހައްމަލުކުރި ބިރުވެރިކަމާއި ނާމާންކަމާ ދޭތެރޭ އެންމެ ފަހަރަކު ވިސްނާލި ނަމަވެސް އެފަދަ ޝަކުވާތައް ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީގެ އިގްތިޞާދީ މެނިފެސްޓޯ ލޯންޗުކުރުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ/ އެމްޑީޕީ
ރާއްޖެއަށް މިހާ ހިސާބަށް އާދެވިފައި މިވަނީ އެދުވަހު އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަން ފާހަގަކުރައްވައި ރައީސް ޞާލިހް ވިދާޅުވީ އިގްތިސާދު މިހާރު މި ވަނީ ހިނގައިގަނެފަ ކަމަށެވެ.
"އިގްތިޞާދު ހިނގައިގަނެފި. ރާއްޖެއަށް ޓޫރިސްޓުން އަންނަން ފަށައިފި. ރާއްޖެ މިސާލަކަށް ދުނިޔެއިން ބަލަން ފަށައިފި އެދުވަހު އެޅި ފިޔަވަޅުތަކުގެ ސަބަބުން," ރައީސް ޞާލިހް ވިދާޅުވިއެވެ.
ކޮވިޑް ތެރޭގައި ދިމާވި އިގްތިސާދީ ކާރިސާގެ ސަބަބުން ރިސޯޓްތައް ބަންދުކޮށް ބައެއް ރިސޯޓްތަކުން މުވައްޒަފުން ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, ވަޒީފާތަކުގައި ތިބި ބައެއް މުވައްޒަފުންނަށް ވެސް އެއް ހާހާއި ދެ ހާސް ރުފިޔާ ދިން ވިޔަފާރިވެރިން ތިބި ކަމަށެވެ.
ވިޔަފާރިވެރިން އިހާނަތިކޮށް ހިތި މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދިނީ ދައުލަތުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ދަތި ހާލުގައި ވެސް ސަރުކާރުން އެއްވެސް ރައްޔިތަކަށް ދެރަގޮތެއް ވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ވެސް ކުރި ކަމަށެވެ.
އެމްޑީޕީގެ އިގްތިޞާދީ މެނިފެސްޓޯ ލޯންޗުކުރުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ/ އެމްޑީޕީ
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާއި މި އަހަރުގެ ރިޔާސީ އިންތިހާބުގެ ތަފާތު ކިޔައިދެއްވަމުން ރައީސް ޞާލިހް ވިދާޅުވީ, އޭރު ރިޔާސީ އިންތިހާބަށް ނުކުންނާނެ ކަމަށް ލަފާކުރެވޭ މީހެއް ވިޔަސް އޮންނަން ޖެހިފައި އޮތީ ޖަލުގައި ކަމަށެވެ.
"އަނިޔާވެރިކަމަކަށް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން. މިއަދު އަނެއްކާވެސް އިރާދަކުރެއްވީތީ 2018 މިތިބީ ވެރިކަމަށް އައިސް އެ އަނިޔާވެރިކަން މާޒީގެ ތެރެއަށް ގެންގޮސްފަ. ހަމަޖެހުމާއި އަމާންކަމާއި އުފާވެރިކަން އަޅުގަނޑުމެނަށް މިރާއްޖެއަށް ގެނެވެއްޖެ," ރައީސް ވިދާޅުވިއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަކީ އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އިންތިހާބުކަން ފާހަގަކޮށް ރައީސް ޞާލިހް ވިދާޅުވީ, އެމަނިކުފާނު ވަމުންދާ ވައުދުތައް އަކުރުން އަކުރަށް ފުއްދައި ދެއްވާނެ ކަމަށެވެ.
"ލޯނު ނަގައިގެން މި މަސައްކަތް ކުރަނީ ލޯނު ދެއްކޭނެ ކަމުގެ ޔަގީންކަމާއި ކަށަވަރުކަން އޮތީމަ," ރައީސް ވިދާޅުވިއެވެ.