25 Aug 2023, 10:31
އެމެރިކާގެ މަޝްހޫރު ޑައިރެކްޓަރު ޒެކް ސްނައިޑާގެ ބޮޑު ސައިންސް ފިކްޝަން ފިލްމު "ރިބެލް މޫން" މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ރިލީޒްކުރުމަށް ނިންމައިފިއެވެ.
ސްނައިޑާ ފާއިތުވި 10 އަހަރު ދުވަސް ވަންދެއް މަސައްކަތް ކުރަމުން އައި ރިބެލް މޫންއަކީ އޭނާ އަމިއްލަ ބޮޑު ޔުނިވާސް އެއް އުފެއްދުމަށް ފަށާ ބޮޑު ސާގާއެވެ. ސްނައިޑާ ފާހަގަކުރާ ގޮތުގައި ރިބެލް މޫން އަކީ "ސްޓާ ވޯސް" ވަރު ބޮޑު ފްރެންޗައިޒް އަކަށް ހެދޭނެ ވާހަކައެކެވެ.
ދާދިފަހުން ބޭއްވި ގޭމްސްކޮމް އިވެންޓުގެ ތެރޭގައި ސްނައިޑާގެ ރިބެލް މޫންގެ ފުރަތަމަ ޓްރެއިލާ ވަނީ އާންމުކޮށްފައެވެ. ރިބެލް މޫންގެ މިހާރުވެސް ދެ ފިލްމެއް ނެރުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ފިލްމަށް ކިޔާނީ "އަ ޗައިލްޑް އޮފް ފަޔާ" އެވެ. މި ފިލްމު ވެގެން ދާނީ ސްނައިޑާ މި އުފައްދާ ދުނިޔޭގެ އޮރިޖިން ސްޓޯރީއެއްގެ ގޮތުގައެވެ.
ރިބެލް މޫންގެ ފުރަތަމަ ޓްރެއިލަރުން ފިލްމުގައި އެކްޝަން އާއި ތުރިލާގެ ރަހަތަށް އިންތިހާއަށް ހިމެނޭނެ ކަމަށް ބެލެވެއެވެ. ޓްރެއިލާއިން އެންމެ ގަދައަށް ވިދާލާފައިވަނީ ލީޑް އެކްޓަރު ސޯފިއާ ބޫޓޭލާއެވެ.
ފިލްމުގެ ދެވަނަ ބައެއް ވެސް މިހާރު އުފައްދަމުން އަންނަ އިރު އެ ފިލްމު ވެސް ވަރަށް އަވަހަށް ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޑިސެމްބަރު މަހުގެ 22ގައި ފިލްމު ރިލީޒް ކުރާއިރު މި ފިލްމަކީ ނެޓްފްލިކްސް އާ ގުޅިގެން އުފައްދާފައިވާ ފިލްމެކެވެ. އެހެންވީމާ މި ފިލްމު ޑިސެމްބަރު 22ގައި ނެޓްފްލިކްސް އިން ބަލާލެވޭނެއެވެ.
ސްނައިޑާ ވަނީ މީގެ ކުރީން ވެސް ނެޓްފްލިކްސް އާއެކު ބޮޑެތި ބަޖެޓުގެ ފިލްމުތައް އުފައްދާފައެވެ. އޭގެތެރޭގައި "އާމީ އޮފް ޑެޑް" އާއި "އާމީ އޮފް ތީވްސް" ފަދަ ފިލްމުތައް ހިމެނެއެވެ.