ނިއުދިއްލީ (މޭ 9): އިންޑިޔާގެ މުސްލިމުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި ސަރުކާރުން ފޯރުކޮށްދެމުންގެންދާ ސަބްސިޑީއާއި އެހެނިހެން ލުއިފަސޭހަތައް ހުއްޓާލުމަށް އެޤައުމުގެ ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުން އެމައްސަލާގައި އިއްޔެ ނެރުނު އަމުރެއްގައި ވަނީ އިންޑިޔާގެ މުސްލިމުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި ސަރުކާރުން ފޯރުކޮށްދެމުންގެންދާ ސަބްސިޑީ އާއި އެހެނިހެން ލުއިފަސޭހަތައް ދިނުމުގެ ސިޔާސަތު ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި ލަސްވެގެން 10 އަހަރު ތެރޭގައި އެކަން މުޅިން ހުއްޓާލަން ޖެހޭނެ ކަމުގަ އެވެ.
މީގެއިތުރުން އިންޑިޔާގެ ޙައްޖުވެރިންނަށް އެހީތެރިވުމަށް ޓަކައި ކޮންމެ އަހަރެއްގެ ހައްޖު މޫސުމުގައި މައްކާއަށް ފޮނުވާ އިންޑިޔާ ސަރުކާރުގެ ރަސްމީ ވަފްދުގެ ޢަދަދު ދެ މީހުންނަށް ދަށް ކުރުމަށް ވެސް ސުޕްރީމް ކޯޓުން އިންޑިޔާ ސަރުކާރަށް އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. މިހާރު ކޮންމެ ޙައްޖު މޫސުމެއްގައި ވެސް އިންޑިޔާ ސަރުކާރުގެ ނުވަ މަސްއޫލުވެރިންގެ މައްޗަށް ހިމެނޭ ރަސްމީ ވަފްދެއް މައްކާ އަށް ގޮސް އިންޑިޔާގެ ޙައްޖުވެރިންނަށް އެހީތެރިވުމުގައި ޙަރަކާތްތެރިވެ އެވެ.

އިންޑިޔާ އިން ކޮންމެ އަހަރަކު ވެސް ލައްކައަކަށް ވުރެ ގިނަ މުސްލިމުން ޙައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި މާތްވެގެންވާ މައްކާއަށް ދެއެވެ. ޙައްޖުވެރިންނަށް އިންޑިޔާ ސަރުކާރުން ދޭ ސަބްސިޑީގެ ތެރޭގައި ސަޢޫދީ އަރަބިޔާއަށް ދިޔުމުގެ ޓިކެޓްގެ އަގު ވަރަށް ބޮޑުތަން އަގުހެޔޮކޮށްދިނުމާއި ޙައްޖުވެރިންގެ ހައްޖުދަތުރުގެ ކަންތައް އިންތިޒާމްކުރުމުގައި އިންޑިޔާ ސަރުކާރުގެ އެއާލައިން ކަމަށްވާ އެއާ އިންޑިޔާ ޖާމިނުވެދިނުން ފަދަ ފަސޭހަތައް ހިމެނެ އެވެ. މީގެ އިތުރުން ޙައްޖުވެރިންނަށް ބޭނުންވާ ސިއްޙީ ކަންކަމުގައި ވެސް އިންޑިޔާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެ އެވެ. (ބީ.ބީ.ސީ)