24 Aug 2023, 22:56
ދިވެހި ވިޔަފާރިތަކުން އެހެން ގައުމުތަކުގައި ހިންގާ މަޝްރޫއުތަކަށް ބޭނުންވާ ފައިނޭންސް ފޯރުކޮށްދިނުމަށް އެމްޑީޕީގެ އިގްތިސާދީ މެނިފެސްޓޯގައި ހިމަނައިފިއެވެ.
މިރޭ ސޯޝަލް ސެންޓަރުގައި އޮތް ރަސްމިއްޔާތެއްގައި އިއުލާނުކުރި "އިގުތިސާދީ ބޮޑު ބަދަލު" މެނިފެސްޓޯގައި ވާގޮތުން އެގްޒިމް ބޭންކެއް ގާއިމުކުރުމުން ރާއްޖޭގެ ވިޔަފާރިތަކަށް ބައިނަލްއަގުވާމީ ޕްރޮޖެކްޓުތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވާނެއެވެ.
މީގެ އިތުރުން "އިގުތިސާދު ރާއްޖޭގެ އަސްދަނޑިން ބޭރަށް" ގެންދިއުމަށް އެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ ހިއްސާއާއި، އެހެނިހެން ސްޓްރެޓީޖިކް އެސެޓުތައް ނެޝަނަލް އިންވެސްޓްމެންޓް ފަންޑެއްގެ ދަށަށް ގެނައުން ހިމެނެއެވެ.
އެ ފަންޑުން އިންވެސްޓުކޮށްގެން، ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ފައިދާ އިތުރުކުރާނެ ކަމަށާއި، އާ އިންވެސްޓްމެންޓު ތަކަށް ބޭރުން ކެޕިޓަލް ހޯދާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގެ އައިސީޓީ ދާއިރާގެ އުފެއްދުންތައް ބޭރުގެ ބާޒާރަށް ނެރެ، މާކެޓުކުރުމުގެ ފުރުސަތު ހުޅުވާލުމަށާއި، ބައިނަލްއަގުވާމީ ވިޔަފާރި ޖަމިއްޔާތައް މެދުވެރިކޮށް ބޭރު މާކެޓުން ފުރުސަތު ހޯދައިދީ، އެކަމަށް ބޭނުންވާ ތައުލީމާއި، ތަމްރީނު ހޯދައިދިނުމަށް ވެސް ހިމަނާފައިވެއެވެ.
މިއަދު ނެރުނު އެމްޑީޕީގެ އިގުތިޞާދީ މެނިފެސްޓޯގައި މީގެ އިތުރުން ހަތް ބައެއް ވަނީ ހިމަނާފައެވެ.