ޅ. އަތޮޅު މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއާޓާޒް ހދ. ހަނިމާދޫއަށް ބަދަލުކުރާތީ، އެކަން ފާހަގަކުރުމުގެ ގޮތުން އުތުުރުގެ ފަސް ރަށެއްގައި ސިފައިންގެ މިލިޓަރީ ޕެރޭޑް ބާއްވަން ނިންމައިފިއެވެ.

މާދަމާ އިން ފެށިގެން މިމަހުގެ 29ގެ ނިޔަލަށް ކުރިއަށްގެންދާ މިޕެރޭޑް ބާއްވަން ނިންމާފައިވަނީ ހދ. ހަނިމާދޫ، ހދ. ކުޅުދުއްފުށި، ހއ. ދިއްދޫ، ހއ. އިހަވަންދޫ އަދި ހދ. ނޮޅިވަރަންފަރުގައެވެ.

އެގޮތުން ހދ. ހަނިމާދޫގައި މިމަހުގެ 25 ވަނަ ދުވަހު ޕެރޭޑް ބާއްވާއިރު ހދ. ކުޅުދުއްފުށީގައި ބާއްވާނީ 26 ވަނަ ދުވަހުއެވެ. އަދި ހއ. ދިއްދޫގައި ޕެރޭޑް ބާއްވަން ނިންމާފައިވަނީ 27 ވަނަ ދުވަހުއެވެ.

މީގެ އިތުރުން، ހއ. އިހަވަންދޫގައި މިމަހުގެ 28 ވަނަ ދުވަހު ޕެރޭޑު ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، އެންމެ ފަހު ރަށެއްގެ ގޮތުގައި މި މަހުގެ 29 ވަނަ ދުވަހު ހދ. ނޮޅިވަރަންފަރުގައި ޕެެރޭޑް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފް އިން ބުނީ މާދަމާ އިން ފެށިގެން މި ޕެރޭޑްތައް ކުރިއަށްދާނީ އެ ދުވަސްތަކުގެ ހަވީރު 4:30ގައި ކަމަށެވެ.

ސިފައިންގެ ޚިދުމަތް ރާއްޖޭގެ ހަތަރު ސަރަހައްދަކަށް ބަހާލައިގެން ގެންދަން ނިންމާފައިވެއެވެ. އެގޮތުން ނޮދަން އޭރިޔާ، މާލޭ އޭރިޔާ، ސެންޓްރަލް އަދި ސަދަން އޭރިއާ ކޮމާންޑް ވަނީ ގާއިމު ކޮށްފައެވެ.