ރާއްޖޭގައި އިންޓަނެޓުގެ ޚިދުމަތް ދިނުމުގެ ހުއްދަ އެމެރިކާގެ ސްޕޭސް އެކްސް ކުންފުނީގެ ސްޓާލިންކަށް ދީފިއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އީލޯން މަސްކުގެ ސްޓާލިންކަށް އެ ލައިސަންސް ދޫކުރީ މިއަދު އެންއަައިސީޓީގައި އޮތް ރަސްމިއްޔާތެއްގައެވެ. އެ ކުންފުނީގެ ފަރާތުން ލައިސަންސާ ހަވާލުވެވަޑައިގަތީ މާކެޓް އެކްސެސް ޑިރެކްޓަރު ރަޔާން ގުޑްނައިޓެވެ. ރާއްޖޭގެ ފަރާތުން ލައިސަންސް ހަވާލުކޮށްދެއްވީ ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝައުނާ ވަނީ ސްޓާލިންކަށް ލައިސަންސް ދޫކުރެވެނީ ދޮޅު އަހަރު ދުވަހުގެ މަސައްކަތަށް ފަހުގައި ކަމަށް ވިދާޅުވެފައެވެ.

ސްޓާލިންކަށް އައިއެސްޕީ ލައިސެންސު ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވާހަކަދައްކަވަނީ --- ސަންފޮޓޯ/ މާހިލް އާތިފް

ރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެ ޚިދުމަތް ފަށާ ގައުމުކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިންޓަނެޓުގެ ޚިދުމަތް ރަނގަޅުކުރުމަށް މި ސަރުކާރުން އެތައް މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

އަދި، މިހާރު ހުރި ޚިދުމަތްތަކުގެ އިތުރުން، ސެޓެލައިޓް މެދުވެރިކޮށް ދޭ ޚިދުމަތެއް ލިބެން ފެށުމަކީ އިތުރު ޔަގީންކަމާއެކު އިންޓަނެޓު ފޯރުކޮށްދެވޭނެ ކަމެއް ކަމަށެވެ.

ސްޕޭސް އެކްސްގެ ޑިރެކްޓަރު ރަޔާން ވިދާޅުވީ ރާއްޖޭގައި ޚިދުމަތް ދިނުމަށް އެ ކުންފުނި ތައްޔާރަށް އޮތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ދިވެހިރާއްޖެ ފެންނަނީ ވަރަށް މުހިއްމު މާކެޓެއްގެ ގޮތުގައި" އޭނާ ވިދާޅުވިއެވެ.

ރަޔާން ވިދާޅުވީ މިހާރު ވެސް އެ ޚިދުމަތް 60އަށް ވުރެ ގިނަ ގައުމަށް ދޭއިރު، އުންމީދަކީ ވީހާވެސް އަވަހަކަށް އެ ޚިދުމަތް މުޅި ދުނިޔެއަށް ފުޅާ ކުރުން ކަމަށެވެ.

ސްޓާލިންކުން އިންޓަނެޓު ޚިދުމަތް ދެނީ 1700 އަށްވުރެ ގިނަ ސެޓެލައިޓު ދުނިޔޭގެ ތިރީ އޯބިޓަށް ފޮނުވައިގެންނެވެ. އެ ޚިދުމަތް މިހާރު ދުނިޔޭގެ ހުރިހާ ބައްރަކަށް ވަނީ ފުޅާވެފައެވެ.