ރާއްޖެއާއި އިންޑިއާގެ ޗާޓާޑް އެކައުންޓެންޓްސް އިންސްޓިއުޓް ތަކުގެ މެދުގައި އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އެ ފަހުމުނާމާގައި ސޮއިކުރީ މިއަހަރު ސީއޭ މޯލްޑިވްސްއިން ބޭއްވި ސާފާ އައިއެފްއާރްއެސް އެންޑް އައިއެސްއޭގެ ފޯރަމްގެ ދެވަނަ ދުވަހުއެވެ.

ފަހުމުނާމާގައި ސޮއި ކުރުމަށްޓަކައި ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވައިފައި ހުންނަ ސަފީރު، މުނޫ މަހާވަރެވެ. އޭނާ ވިދާޅުވީ އެ ޕާޓްނާޝިޕް ވާނީ ދެ އިންސްޓިޓިއުޓުގެ ވެސް އެކައުންޓިން ކޮމިއުނިޓީގެ ކުރިއެރުމަށް ހުޅުވާލެވޭ ވަރަށްބޮޑު ފުރުސަތަކަށެވެ.

ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އައިސީއޭއައިގެ ރައީސް ސީއޭ އަނިކެތް ސުނިލް ޓަލާޓި ވިދާޅުވީ އެ ފަހުމުނާމާގައި ސީއޭ މޯލްޑިވްސްއާއިއެކު ސޮއި ކުރުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ކޮލާބޮރޭޓިވް ޕްރޮގްރާމްތައް ބޭއްވުމުގައި، ސީއޭ މޯލްޑިވްސް އަށް ބޭނުންވާ ފަންނީ އެހީއާއި، އެހެނިހެން ވަސީލަތްތައް ފޯރުކޮށްދިނުމާއި އަދި އައިފެކް މެމްބާޝިޕް ހޮދުމުގައި ބޭނުންވާ ފުރިހަމަ އެހީތެރިކަން އައިއޭސީއައިން ފޯރުކޮށްދިނުން ކަމުގައެވެ.

ސީއޭ މޯލްޑިވްސް އާއި އައިސީއޭއައިން ފަހުމުނާމާއެއްގައި ސޮއި ކުރުން--

މީގެ އިތުރަށް ސީއޭ މޯލްޑިވްސްގެ ރައީސް އަދި އޮޑިޓާ ޖެނެރަލް ހުސެން ނިޔާޒް ވާހަކަ ދައްކަވަމުން ވިދާޅުވީ މި އެމްއޯޔޫގެ ސަބަބުން ދެ އިންސްޓިޓިއުޓަށް ވެސް ފައިދާ ކުރާނެ ކަމަށެވެ.

އެގޮތުން އައިސީއޭއައި މެންބަރުން ދާއިރާގައި ކުރިއަށް ދިއުމަަށް ވެސް ފުރުސަތުތަކެއް ހުޅުވޭނެ ކަމަށާއި، ސީއޭ މޯލްޑިވްސް އަށް އެކައުންޓިން ކޯސްތައް ހިންގުމަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ލިބި ރާއްޖޭގެ އެކައުންޓިން ޕްރޮފެޝަންއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.