24 Aug 2023, 15:45
ރިޔާސީ އިންތިޚާބަކީ އެންމެ މުހިންމު އިންތިޚާބު ކަމަށާއި މި އިންތިޚާބަށް 'ބަދަލު ކުޅުންތެރިން އަރުވައިގެން' ކާމިޔާބެއް ނުވާނެކަމަށް ވިދާޅުވެ އިދިކޮޅު ޕީޕިއެމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ރ. ހުޅުދުއްފާރަށް ވަޑައިގެން މި ރަށުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބަކީ 'އޭ ގްރޭޑް' ނުވަތަ ޕްރިމިއާ ލީގުގެ މެޗެއް ފަދަ މުބާރާތެއް ކަމަށެވެ.
މި އިންތިޚާބުގައި ކާމިޔާބު ހޯދޭނީ ފުލް ޓީމު އަރުވައިގެން ކަމަށާއި 'ބަދަލު ކުޅުންތެރިންނާއެކު' ލިބޭނެ ކާމިޔާބެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ރަނގަޅަށް ވާދަކޮށްލަން ބޭނުންވެއްޖެޔާ މި ކުޅެނީ އޭ ޑިވިޝަންގެ މެޗެއް. އިނގިރޭސިވިލާތުގައި ވެއްޖެޔާ ޕްރިމިއާ ލީގް މި ކުޅެނީ. ބަދަލު ކުޅުންތެރިން އަރުވައިގެން ކާމިޔާބެއް ނުވާނެ. ފުލް ޓީމް އަރުވައިގެންވާނީ. އަޅުގަނޑުމެން މި ތިބީ ފުލް ޓީމާއެކީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންތިޚާބަށް ފުރިހަމަ ޓީމަކާއެކު ނިކުމެ އޮތީ ހަމައެކަނި އެމްޑީޕީ ކޯލިޝަނުން ކަމަށެވެ.
އެމްޑީޕީއަށް އައި 'ކުޑަ ލޮޅުމުގެ' އަސަރު ހުޅުދުއްފާރަށް ވެސް ކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވަނީ ކުރިން އެމްޑީޕީގައި ތިބި މެމްބަރުން ދެވަނަ ވިސްނުމަކުން އަލުން ވިސްނުމަށް އެދިވަޑައިގެންފިއެވެ.
އެގޮތުން ވަކިން ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް އެއްވަނައާ ގާތް ވެސް ކުރާވަރުގެ ތަރުހީބެއް އަދި ނެތްކަމަށް އެ މަަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބެއްގައި ނިންމާ ނިންމުމަކީ އާދައިގެ ނިންމުމެއް ނޫން ކަމަށެވެ.
އެގޮތުން މިއީ ދެން އަންނަ ދައުރެއްގެ ސަރުކާރެއް އެެކުލަވައިލުމަށް ކުރާ މަސައްކަތަކަށްވާއިރު މި ނިންމުން ނިންމާއިރު ރަނގަޅަށް ނިންމަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިއަކީ ކުޅޭ ކުޅޭ ކަމެއް ނޫން.. ތި ބޭފުޅުންގެ ވޯޓު ބާކީ ނުކުރައްވައްޗޭ،" ރައީސް ވިދާޅުވިއެވެ.
ދެވަނަ ދައުރެެއްގައި ހުޅުދުއްފާރުގައި ކޮށްދޭނެ ކަންކަން:
ހައުސިން ޔުނިޓް އެޅުން
- ކުޅިވަރު ވަސީލަތާއެކު ކޮމިއުނިޓީ ސެންޓަރެއް
- ސްކޫލު އޮފީހާއި އިތުރު ކްލާސްރޫމް އެޅުން
- އިތުރު މަގުތައް ހެދުން