08 May 2012, 23:17
ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތް ޑރ. އިބްރާހިމްދީދީ (ޑީޑީ) ގެ އަރިހުން ނައިބު ރައީސް މުހައްމަދު ވަހީދުއް ދީން (ޑީ) އޮޅުން ފިލުވައިފި އެވެ.
މިރޭ ބަނޑޮސް ރިސޯޓްގައި ކުރިއަށް ދިޔަ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޑީޑީ ވިދާޅުވީ ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމުގެ ބާރު ސަރުކާރުން ބައެއް ކަންކަން ކައުންސިލްތަކާއި ހަވާލު ނުކޮށް އޮތް ސަބަބު ނައިބު ރައީސް އޮޅުން ފިލުއްވެވި ކަމަށެވެ. ހާއްސަކޮށް ރައީސް ނަޝީދުގެ ސަރުކާރުގެ މިނިސްޓަރުކަމުގައި އޭނާ ހުންނެވި ދާއިރާގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްތައް އަތޮޅު ކައުންސިލްތަކާއި ރަށުކައުންސިލްތަކާއި ހަވާލު ނުކުރި ސަބަބު އޮޅުން ފިލުވިކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންވެސް ކުރިން ބާރު އަޅަމުން ގެންދިޔައީ މާލޭގައި ހުރި ބާރުތައް އަތޮޅު ތެރެއަށް ގެންދަން ކަމަށް ދެންނެވިން. އެހެންނަމަވެސް ވެރިކަމަށް [ރައީސް ނަޝީދު ވަޑައިގެންނެވި] ދަނޑިވަޅުގައި ދިމާ އިދިކޮޅަށް ކަންތައްވެގެން ގޮސްފައި ހުރިކަން ހިތާމައާއި އެކު ފާހަގަކުރަން ޖެހުނުކަން [ނައިބުރައިސް] އަރިހު ދެންނެވިން،" ޑީޑީ ވިދާޅުވިއެވެ.
ޑީޑީ ވިދާޅުވީ ފަޅުރަށްތައް ކައުންސިލްތަކާއި ހަވާލު ނުކުރެވުނު ސަބަބަކަށްވީ މިދިޔަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ހުރިހާ ފަޅުރައްތަށް ރައީސް ނަޝީދުގެ ލަފާފުޅުގެ މަތިން ފިނޭންސް މިނސްޓްރީގެ ބެލުމުގެ ދަށަށް ގެންދެވުމުން ކަމަށެވެ.
"ފިނޭންސް މިނިސްޓްރީގެ ދަށުގައި އޮންނަ ނެސަނަލް ޕްލޭނިން ކައުންސިލް ދަށުން ހުރިހާ ސިޔާސަތުތަކެއް ކަނޑައެޅިގެން ދިއުމުގެ ސަބަބުން ގާނުނުގައި އެބާރު އެގްރިކަލްޗަރު މިނިސްޓްރީއަށް އޮތް ނަމަވެސް އެކަމުގައި އެފުރުސަތު ނުލިބި ދިއުމުގެ ސަބަބުން އެކަންކަން ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެން ނުދިޔަކަމުގައި ދެންނެވިން،" ޑީޑީ ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ ދެވަނަ ކަމަކަށް މަޝްވަރާކ ުރެވުނުކަމަކީ ރިހެބެލިޓޭޝަން ޕްރޮގްރާމާގުޅޭ ގޮތުން ކަމަށާއި ހާއްސަކޮށް ދެވަނަ ފުރުސަތުގެ ކުދިންނަށް އެއްވެސް ތަމްރީން ޕްރޮގްރާމްތަކެއް ނުހިންގި އަދިވެސް އެފަދަ ފަރާތްތައް މަގުމަތީގައާއި އަދި މުޒާހަރާތަކުގައި ބައިވެރިވާކަން ފާހަގަކުރެއްވި ކަމަށެވެ.
އޭނާ ވިދާޅުވީ ދެވަނަ ފުރުސަތުގެ ކުދިންނަށް ރަނގަޅު ޕްރޮގްރާމްތަކެއް ގާއިމްކުރެވި އެކުދިންނަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭފަދަ ވަށައިޖެހޭ ޕްރޮގްރާމެއް ލިބިގެން ނޫނީ އެކުދިންނަށް އެ ފުރުސަތު ނުލިބޭނެކަމަށް ނައިބު ރައީސް އަރިހުޔ ދެންނެވި ކަމަށާއި ނައިބުރައީސް ވެސް އެކަމާ ގުޅޭގޮތުން ވަރަށް ރަނގަޅު ޕްލޭނެއް ގެންގުޅުއްވާ ކަމަށް ވިދާޅުވިކަމަށެވެ.
ޑީޑީ ވިދާޅުވީ ސަރުކާރުގެ އެއްވެސް ސިޔާސީ މަގާމެއް ބޭނުންފުޅުވެގެން ނޫޅުއްވާ ކަމަށާއި އަދި އެފަދަ އެއްވެސް ވާހަކައެއް ވެސް މިރޭގެ ބައްދަލުވުމުގައި ދެކެވިފައިނުވާ ކަމަށްވެސް ޑީޑީ ވިދާޅުވިއެވެ.