Last Updated:
1 decade 4 year ago

ބާރުގެ ބޭނުންކޮށް އެމްޑީޕީގެ މުޒާހަރާ ރޫޅާލައިފި

    ބުލޮގު ޚުލާސާ
    އެމްޑީޕީން މިރޭ އުފަސްގަނޑަށް އެއްވި ޖަލްސާއަށް ފަހު ސީދާ ހަރަކާތަށް ނުކުންނަނީ ކަމަށް ބުނެ ދާދި ދެންމެއަކު މަގުމައްޗަށް ނުކުމެއްޖެ އެވެ. މިރޭގެ އެއްވުމުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމްޑީޕީން މުޒާހަޒާ ކުރުމުން 60 މީހުންނާ ދެކޮޅަށް އުސޫލޫތަަކާ ހިލާފަށް ކުރަމުންދާ ޝަރީއަތްތަކާ ދެކޮޅަށް ސީދާ ހަރާކާތައް މުޅި އެމްޑީޕީ ނުކުންނާނެ ކަމަށައި އެމްޑީޕީ މަޑުން ނޯންނާނެ ކަމަށެވެ. އަދި އެމްޑީޕީ އޮތީ ވެސް އެމަނިކުފާނާއި އާއިލާ ދުނިޔޭގައި ތިއްބެވީ ވެސް "ބަޣާވަތް: ފުރިހަމަ ނުވުމުން ކަމަށައި އެމްޑީޕީ އެނބުރި އައިސް ބަޣާވަތް ފުށުން ޖަހާ އަލުން ވެރިކަމަށް އަންނާނެ ކަމަށާއި ބަޣާވަތް ކުރި މީހުންނަށް އަދުބު ދޭނެ ކަމަށެވެ.
    01:41

    "ސީދާ ހަރަކާތަށް" ކަމަށް ބުނެ އެމްޑީޕީން މަގުމައްޗަށް ނުކުމެ، މާލޭގައި ކުރި މުޒާހަރާ އެމްއެމްއޭ ސަރަހައްދުން ހަމަނުޖެހުން ބޮޑުވުމުން ބާރުގެ ބޭނުން ކޮށްގެން ރޫޅާލައިފި އެވެ.

    އުސްފަސްގަނޑުގައި މިރޭ ފެށި ޖަލްސާ ރައީސް މުހައްމަދު ނަޝީދުގެ ވާހަކަފުޅަށްފަހު، މުޒާހަރާ އިންތިޒާމް ކުރި މީހުންގެ އަޑު އުފުލުމާއެކު ސީދާ ހަރަކާތައް އެމްޑީޕީ ނުކުތީ މިރޭ 9:45 އެހާކަންހާއިރު އެވެ.

    މާލޭގެ މަގުތަކުން ގޮސް މުޒާހަރާގެ ބައިވެރިން މަޑު ކުރީ އެމްއެމްއޭ ސަރަހައްދަށެވެ. އަދި ބައެއް މީހުން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދިރިއުޅުއްވާ ހިލާލީގެ ކައިރިއަށް ވެސް އެއްވި އެވެ. ނަމަވެސް އެ ސަރަހައްދުގައި މާބޮޑު ހަމަނުޖެހުމެއް ނުހިނގަ އެވެ.

    އެމްޑީޕީ މަޖިލިސް މެންބަރުންނާއި ކުރީގެ ވަޒީރުންގެ އިސްވެ ތިއްބަވައި އެމްއެމްއޭ ކައިރީގައި ކުރި މުޒާހަރާގައި އަޑު އުފުލާފައި ވަނީ އަވަސް އިންތިހާބެއް ބޭއްވުމަށާއި ވެރިކަން ބަދަލުވި ގޮތް ބެލުމަށް ހަދާފައިވާ އިންކްއަރީ ކޮމިޝަން މިނިވަން ކުރުމަށާއި ބައިނަލް އަގުވާމީ ޖަމާއަތްތަކުން ރާއްޖެ އެކަހެރި ނުކުރުމަށެވެ.

    މުޒާހަރާގެ ބައިވެރިންގެ އަޑު ގަދަކުރާ ހަރުކޮށްފައިވާ ހުރި ޕިކަޕް ކައިރީގައި ހުންނަވައިގެން ކުރީގެ ހޯމް މިނިސްޓަރު ހަސަން އަފީފު ވިދާޅުވީ މި ސަރުކާރު އައިސްފައިވަނީ "ބަޣާވާތަކުން" ކަމަށާއި ފުލުހުންނާއި ސިފައިން ރައީސް ވަހީދުގެ އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އަމުރުތަކަށް ކިޔަމަންވެގެން ނުވާނެ ކަމަށެވެ. އަދި އެފަދަ އަމުރުތަކަކީ ޣައިރު ގާނޫނީ އަމުރުތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

    އޭނާ ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވީ ރައީސް ވަހީދު ހައްޔަރުކޮށްގެން ޝަރީއަތް ހިންގަންވާނެ ކަމަށާއި އިންސާފުގެ ކުރިމަތީގައި ރައީސް ވަހީދުއަށާއި "ބަޣާވާތު"ގަި ބައިވެރިވި ސިޔާސީ މީހުންނާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ބައިވެރިވި މީހުންނަށް އަދަބު ދޭންޖެހޭނެ ކަމަށެވެ.

    މުޒާހަރާ ހޫނުވެގެން ދިޔައީ، އެމްއެމްއޭ ސަރަހައްދުގައި ޖަހާފައިވާ ބެރިކޭޑްތައް ފަހަނައަޅައި އެމްއެމްއޭ ކައިރިއަށް ޖަމާވާން އުޅުމުންނެވެ. ފުލުހުން އެކަމުގައި ނަސޭހަތްތެރިވާން ފެށުމުން ބައެއް މީހުން ފުލުހުންނާޢި ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ޒުވާބުކޮށްފައިވެ އެވެ. އަދި އެ މީހުން ހައްޔަރު ކުރަން އުޅުމުން ހަމަނުޖެހުން ބޮޑުވުމުން ފުލުހުން ވަނީ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ބައެއް މީހުންގެ ލޮލަށް ޕެޕާ ސްޕްރޭ ވެސް ޖަހާފައެވެ.

    މުޒާހަރާގެ ތެރޭގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި އަންހެނަކު ހައްޔަރު ކުރަން އުޅުމުން އެކަމަށް ދެކޮޅު ހަދަން ފެށުމުން ފުލުހުންގެ އަނިޔާވާފަދަ ގޮތަކަށް ފުލުހުން އަމަލު ކުރިތަން ވެސް ފެނުނެވެ. އޭނަގެ ގައިގައި ބައެއް ފުލުހުން ފައިން ވެސް ޖެހި އެވެ.
    މުޒާހަރާ ހޫނުވާން ފެށުމުން ފުލުހުން ޕެޕާ ސުޕްރޭ ޖެހުމާއެކު ފުލުހުންނާ ދިމާލަށް ފުޅި، ގާފަދަ ތަކެތި އުކަން ފެށި އެވެ. އަދި މުޒާހަރާގެ ބައިވެރިއަކު އެއްލި ބިއްލޫރި ފުޅިއަކުން ޖެހި ފުލުހެއްގެ ބޯ ފަޅައިގެން ގޮސްފައިވެ އެވެ. އެ ފުލުސް މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

    އެހިސާބުން ފުލުހުން ބާރުގެ ބޭނުންކޮށް މުޒާހަރާ ފަހަތައް ޖައްސާލި އެވެ. އަދި މުޒާހަރާގެ ބައިވެރިން އަޑުގަދަކުރާ ހަރުކޮށްފައި ހުރި ޕިކަޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނައެވެ.
    މިރޭގެ މުޒާހަރާގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިކަން ދެއްކި ދެ އަންހެނުންނާއި ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ. މުޒާހަރާގެ ބައިވެރިން އެމްއެމްއޭ ސަރަހައްދުން ފައްސާލީ މިރޭ 12:00 ޖެހިފަހުންނެވެ. އެ ސަރަހައްދުން މުޒާހަރާގެ ބައިވެރިން ފައްސާލުމުން އެމްޑީޕީން ސީދާ ހަރަކާތައް ނުކުތް މުޒާހަރާ ނިންމާލީ ވެސް އުސްފަސްގަނޑަށެވެ.

    00:06

    އެމްއެމްއޭ ސަރަހައްދު ސާފުކޮށް މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސައިފި.
    00:05

    މުޒާހަރާގެ ބައިވެރިއަކު އެއްލި އެއްޗަކުން ޖެހި ފުލުހެއްގެ ބޯ ފެޅިއްޖެ.
    23:57

    ފުލުހުން އިތުރު ދެ މީހަކު ހައްޔަރުކޮށްފި.
    23:53

    މުޒާހަރާގެ ބައިވެރިންގެ ޕިކަޕް ފުލުހުން ހިފަހައްޓައިފި.
    23:51

    މުޒާހަރާގެ ބައިވެރިން އެ ސަރަހައްދު ދޫކޮށް ދިޔުމަށް ފުލުހުން އިންޒާރުދޭން ފަށައިފި. ފުލުހުން ވަނީ މުޒާހަރާގެ ލޯކަލް މާރުކޭޓާ ހިސާބަށް ފަހަތައް ޖައްސާފައި.
    23:49

    އާންމުން ފުލުުހުންނާ ދިމާލަށް ގަލާއި ފުޅި އުކަނީ. ފުލުހުން މުޒާހަރާގެ ތެރެއަށް ޕެޕާސްޕްރޭ ޖަހަން ފަށައިފި.
    23:47

    މުޒާހަރާގެ ތެރެއަށް ޕެޕާސްޕްރޭ ޖަހައިފި. އާންމުންނާ ފުލުހުންނާ ދެެމެދު ބޮޑު ހަމަނުޖެހުމެއް ހިނގާ އަންހެނަކު ދެންމެ ހައްޔަރުކޮށްފި. ބައެއް މީހުންނަށް ވަނީ ކުދި ހާނިކަ ވެފައި.
    23:38

    ބެރިކޭޑްތަކުން އެތެރެއަށް ވަދެއްޖެނަމަ މުޒާހަރާ ރޫޅާލާނެ ކަމުގެ އިންޒާރުދީފި. ފުލުހުންނާ އާންމުންނާ ދެމެދު ބައެއް ހަމަނުޖެހުންތައް ހިނގަމުން އެބަދޭ. އެކަކު ވަނީ ހައްޔަރުވެސް ކޮށްފައި.
    23:25

    މުޒާހަރާ ކުރާގެ ބައެއް ބައިވެރިން ހިލާލީގޭ ދަށަށްވެސް އެއްވެއްޖެ.
    23:20

    ފެން ޕަންޕުތައް މޫދަށް ގުޅާ ފެންޖަހަން ރެޑީ ކޮށްފި.
    23:10އެމްއެމްއޭ ސަރަހައްދުން

    އެމްޑީޕީން އެމްއެމްއޭ ސަރަހައްދަށް ގޮސް މުޒާހަރާ ފަށައިފި.
    22:45

    މުޒާހަރާގައި ގޮވާލަނީ އަވަސް އިންތިހާބެއް ބޭއްވުމަށް އަދި އިންކްއަރީ ކޮމިޝަން އަލުން އެކުލަވާލުމަށާއި އެމްޑީޕީގެ ބައިވެރިންގެ މައްޗަށް ޝަރީއަތް ނުހިންގުމަށް. މުޒާހަރާގެ ބައިވެރިން އެ ސަރަހައްދަށް ދިޔަ ނަމަވެސް ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދު ބަންދުކޮށް ފިޔަވަޅު އަޅާފައި.
    22:44

    އެމްޑީޕީގެ މުޒާހަޜާ އޮތީ ރައްޔިތުންގެ މަޖިލީހާ ހަމައިގައި. އެމީހުންގެ މިޝްރާބު ހުރީ މުލިއާގެއާ ހަމައަށް މަޑުކުރަން ކަމަށް ބުނޭ.
    22:39

    މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރަމުންދާ އެމްޑީޕީގެ މެންބަރުގެ ތެރޭގައި އިސްކޮށް ހުންނެވީ މަޖިލިސް މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ). މިހާރު މުޒާހަރާ އޮތީ އޭޑީކޭއާ ހަމައިގައި. ސީދާ ހަރަކާތަށް ގޮވާލެއްވި ނަމަވެސް ރައީސް ނަޝީދު ބައިވެރިވެ ވަޑައެއް ނުގަންނަވާ.