24 Aug 2023, 09:31
ޔުޓިލިޓީ ޚިދުމަތްތައް ދޭ ކުންފުނިތަކުން ގިނަ ވަޒީފާ ދިނުމަކީ މައްސަލައެއް ނޫންކަމަށާއި އޭގެ ސަބަބުން ފައިދާވާނީ ރައްޔިތުންނަށް ކަމަށް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރޭ ރ. ދުވާފަރުގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ އިދިކޮޅުން މިހާރު ކަންބޮޑުވުމެއްގެ ގޮތުގައި ދައްކާ އެއް ވާހަކައަކީ މި ސަރުކާރުން ފެނަކަ ފަދަ ތަންތަނުން މާ ގިނަ ވަޒީފާތަކެއް ދިވެހީންނަށް ދޭ ވާހަކަ ކަމަށެވެ.
ނަމަވެސް ސިޔާމް ވިދާޅުވީ ބޭރު ގައުމުތަކުން ޔުޓިލިޓީ ޚިދުމަތް ދޭ ކުންފުނިތަކުން ގިނަ ވަޒީފާ ދޭ ކަމަށެވެ. އަދި އޭޝިއާއާއި ޔޫރޮޕާއި، އެފްރިކާގެ ކުރިއަރައިފައިވާ ގައުމުތަކުން ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތަށް ނަގަމުން އަންނަނީ ކުޑަ އަގުތަކެއްކަމަށް ސިޔާމް ވިދާޅުވިއެވެ.
"މުސާރައިގެ ފަސް ޕަސެންޓު ވެސް އެ މީހުންގެ ފެނާއި ކަރަންޓަށް ޚަރަދުކުރާކަށެއް ނުޖެހޭ. އެހެން އެ ވަނީ ކީއްވެގެންތޯ. އެ ގައުމުތަކުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދެނީ ކުންފުންޏެއް ހަދައިގެން ފައިސާ ހޯދާކަށްނޫން. އެ ފައިދާ ހޯދަން އޮންނަ ކުންފުންޏެއް ވެސް ނޫން އެއީ،" ސިޔާމް ވިދާޅުވިއެވެ.
އެހެންނަމަވެސް 2018ވަނަ އަހަރުގެ ކުރިން ފެނުނީ ރައްޔިތުންގެ ޖީބަށް ބުރަބޮޑުވާނެހެން ޚިދުމަތްތައް ހޯދަން ޖެހިފައި އޮތް މަންޒަރުކަމަށް ސިޔާމް ވިދާޅުވިއެވެ.
"މި ފަދަ ބިލްތަކަށް ފައިސާ ދައްކައިފައި ތިމާގެ ދަރިފުޅަށް ގަންނަން ބޭނުންވާ ތަކެއްޗާއި ތިމާގެ އާއިލާއާއި ހިތްހަމަ ޖެހުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ނުކުރެވި ހަމައެކަނި ތިމާ ފެނާއި ކަރަންޓާއި ރެންޓަށް މިފަދަ ކަންތައްތަކުން ގޮސް ލާރިކޮޅު ހުސްވާތަން،" ސިޔާމް ވިދާޅުވިއެވެ.
ނަމަވެސް މި ސަރުކާރުން ގެންދަނީ ސްޓެލްކޯއާއި އެހެނިހެން ކުންފުނިތަކުން ވެސް އަސާސީ ޚިދުމަތްތައް ދިނުމުގައި ގިނަ މުވައްޒަފުންތަކެއް ހަރަކާތްތެރިކޮށް އެމީހުންގެ ބޭނުން ހިފަމުން ކަމަށް ސިޔާމް ވިދާޅުވިއެވެ.
ނަމަވެސް މިހާރު ވެސް އަދި މުވައްޒަފުންގެ އަދަދު މަދުކަމަށް ސިޔާމް ވިދާޅުވިއެވެ.
"އަޅުގަނޑަށް އަދި ވެސް އިއްޒަތްތެރި ރައީސް މި ކުންފުނިތަކުގައި ތިބި މުވައްޒަފުންގެ އަދަދު މަދު،" ސިޔާމް ވިދާޅުވިއެވެ.
އެއާއެކު ސިޔާމްވަނީ އަސާސީ ޚިދުމަތްތައް ދޭ ކުންފުނިތަކުގެ ވަޒީފާގެ އަދަދު މިހާރަށްވުރެ އެއް ގުނަ އިތުރުކޮށްދިނުމަށް ހުށަހަޅުއްވައިފައެވެ.
"އެހެންވާންޖެހެނީ 50 މުވައްޒަފުން އުޅޭ ފެނަކައިގައި އޮފީހެއްގައި ކުރިއަށް އޮތްތަނުގައި 100 މުވައްޒަފުން އުޅޭނެކަމަށް އަޅުގަނޑު އުންމީދުކުރަން،" އޭނާ ވިދާޅުވިއެވެ.
އޭރުން ފައިދާވާނީ އެ ރައްޔިތުންނަށް ކަމަށް ސިޔާމް ވިދާޅުވިއެވެ.