24 Aug 2023, 09:11
ހިންދީ ސިނަމާގެ އެންމެ ޑިމާންޑު ބޮޑު ބަތަލާ ކަރީނާ ކަޕޫރަށް ކައްކަން ނޭނގުނަސް ފިރިމީހާ ސައިފް އަލީ ޚާން ކައްކަން ނުދަންނަ ވައްތަރެއްގެ ކެއުމެއް މަދުވާނެކަމަށް ކަރީނާ ބުނެފިއެވެ.
އަމިއްލަ ދިރިއުޅުމުގެ ބައެއް ވާހަކަތައް މީޑިއާއާއި ހިއްސާކުރަމުން ކަރީނާ ބުނީ ދުނިޔޭގެ މަޝްހޫރު ޤައުމުތަކުގެ ކެއުންތައް ތައްޔާރުކުރަން ސައިފްއަށް އެނގޭއިރު ބަތަލާއަށް އެންމެ ކުޑަމިނުން ހޫނު ފެން ކައްކަން ވެސް ނޭނގޭ ކަމަށެވެ.
ކަރީނާއާއި ސައިފްއަކީވެސް ފިލްމީ ދާއިރާގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ ފިލްމީ ތަރިންނަށްވެފައި ލިބޭ ހަފުތާ ބަންދު އަބަދުވެސް އާއިލާއާއެކު ހޭދަކުރުމަށް ލޯބިކުރާކަމަށް ކަރީނާ ވަނީ ބުނެފައެވެ. ހަފުތާ ބަންދުގައި އެއްވެސް ވަރަކަށް މަސައްކަތްކުރުން ދެމަފިރިންނަށްވެސް މަނާވާނެ ކަމަށާއި ދެ ދުވަސް އެކީގައި ހޭދަކުރަނީ ސައިފްއާއި ކަރީނާގެ ކުދިންނާއެކުކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ބައެއްފަހަރު ރަހްމަތްތެރިންގެ ފަރާތުން ބޭރަށް ނުކުމެލަން ދަޢުވަތު ލިބޭކަމަށާއި އެފަދަ ދަޢުވަތު އަނބުރާ ރަހުމަތްތެރިންނަށް ފޮނުވަނީ ދެމަފިރިންގެ ގެއަށް އައުމަށް ކަމަށާއި ސައިފް ކައްކާ ކެއުންތަކަށް ރަހްމަތްތެރިންގެ ފަރާތުންވެސް ތައުރީފުގެ ބަސްތައް ލިބޭކަމަށް ކަރީނާ ބުނެފައިވެއެވެ.
އާއްމުކޮށް ރެސްޓޯރެންޓްތަކަށް ގޮސްގެން ކެއުމަކީވެސް ކަރީނާއަށް އެހާ ކަމުދާގޮތެއް ނޫން ކަމަށާއި އަމިއްލައަށް ކައްކަން ނޭނގޭތީ ބައެއްފަހަރު ގެއަށް ކާއެއްޗެހި ގެނެސްގެން އާއިލާއާއެކު ވަގުތު ހޭދަކުރާކަމަށް ކަޕޫރު ޚާންދާނުގެ ފިލްމީތަރި ވަނީ ބުނެފައެވެ.
ކަރީނާއަށް ކެއްކުމުގެ ހުނަރު ލިބިފައި ނެތަސް ސައިފް ކަރީނާ ސިފަކުރަނީ ދިރިއުޅުމުގެ ވަރަށް ގިނަ ކަންކަން އިންތިޒާމްކޮށް ރޭވުމުގެ އިތުރުން ކަންކަން ވަގުތަށް ނިންމުމުގެ ހުނަރު ވަރަށް ރަގަޅަށް ދަންނަ މީހެއްގެ ގޮތުގައެވެ. ހަމައެއާއެކު ކަރީނާއަކީ ވަރަށް ޑިސިޕްލިންގް މީހެއް ކަމަށާއި ކަންކަމުގައި ކެތްތެރިވުމުގެ ސިފަ ކަރިނާގެ ކިބައިގައި ހުރުމަކީ ދެ މީހުންގެ ދިރިއުޅުން ވެސް އަމާން އޮމާންކޮށް ދިއުމުގެ އެއް ސިއްރުކަމަށް ސައިފް ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ފިލްމު "ލާލް ސިންގް ޗައްދާ"އިން ފެނުނު ބަތަލާގެ ދެ ފިލްމެއް މި އަހަރު ރިލީޒް ކުރާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. އެއީ "ދަ ބަކިންގްހަމް މާޑާސް"، "ދަ ޑިވޯޝަން އޮފް ސަސްޕެކްޓް"އެވެ. މީގެ އިތުރުން ކަރީނާ ވަނީ ޕްރޮޑިއުސަރު ރެއާ ކަޕޫރުގެ ފިލްމު "ދަ ކްރޫ"އަށްވެސް ސޮއިކޮށްފައެވެ.