ކުދި ޕާޓީތަކުން މަސައްކަތް ކުރަމުން އަންނަނީ ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގެންގޮސް ސަރުކާރުން ބައި ހޯދަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ބުނެފައިވާތީ އެކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރައީސް ގާސިމް އިބްރާހިމް ރައްދު ދެއްވައިފިއެވެ.

ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވަމުން ރައީސް ޞާލިހް ވިދާޅުވީ ކުދި ޕާޓީތަކުގެ ބޭނުމަކީ ދެވަނަ ބުރެއްގައި ބަޔަކާއެކު ކޯލިޝަން ހަަދައި ދެން އަންނަ ސަރުކާރެއްގައި މަގާމުތަކެއް ހޯދުންކަމަށެވެ.

ނ. މަނަދޫގައި މިރޭ ޖޭޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ގާސިމް ވިދާޅުވީ 2008ގެ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީގެ ފަރާތުން އެޕްރޯޗް ކުރިކަމަށާއި ސަރުކާރުން ވަކި އަދަދެއްގެ ހިއްސާ ދިނުމަށް ހުށަހެޅީ ވެސް އެ ޕާޓީން ކަމަށެވެ.

"އަޅުގަނޑުމެނެއް ނޫން ޕަސެންޓޭޖް ކިޔައިގެން ނެގޯސިއޭޓްކޮށް ހެދީއެއް. އެބޭފުޅުން ހުށަހެޅި ވަރު ގަބޫލުކޮށްގެން ތިބީ," ގާސިމް ވިދާޅުވިއެވެ.

މާޒީގައި ކަން ހިނގާދިޔަ ގޮތް ކިޔައިދެއްވުމަށްފަހު ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ރައްދު ދެއްވާފައެވެ. އަދި ޖޭޕީން އުޅެނީ ސަރުކާރުތަކުން ބައި ހޯދަން ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ އެކު ކުރި އަހުދާއި ވައުދާ އެއްގޮތަށް އެއްވެސް ކަމެއް ސަރުކާރުން ކޮށް ނުދިން އޭރު ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް އަރާވަޑައިގެންފައި ފުރަތަމަ ވެސް އަޅުގަނޑު ބޭރުކޮށްލަން ބޭނުންވީ," ގާސިމް ވިދާޅުވިއެވެ.

ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ބަލިވުމުން ވެސް ޖޭޕީ އިސްވެ އެއްވެސް ޕާޓީއަކާ މުއާމަލާތް ނުކުރާ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ހުށަހެޅުންތައް ހިފައިގެން އައީ ބޮޑު ދެ ޕާޓީ ކަމަށް ދައުވާކުރާ ދެ ޕާޓީން ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު އެމްޑީޕީއަށް ދެފަހަރު ވެރިކަން ހޯދައި ދީފިން. ހަމަ އެހެން ޕީޕީއެމަށް އެއްފަހަރު ވެރިކަން ހޯދައިދީފިން. ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ކަން ވެގެން މިދިޔަ ގޮތް. ވީ ވައުދާ އަހްދު އޮތީ ކޮންތާކު ތޯ," ގާސިމް ވިދާޅުވިއެވެ.