24 Aug 2023, 09:06
ބަތަލާ ސުޝްމިތާ ސެންގެ ދެ ކުދިން ކަމަށްވާ ރީނީއާއި އެލީސާއަށް ދިރިއުޅުމުގައި ބައްޕައެއްގެ ލޯބި ނުލިބޭކަމުގެ އިހުސާސް ނުކުރެވޭކަމަށް ބަތަލާ ބުނެފިއެވެ.
ވަރަށް ގިނަ ފަހަރަށް މީޑިއާއިން ސުޝްމިތާގެ ކައިވެންޏާބެހޭގޮތުން ސުވާލުކުރިނަމަވެސް މީގެ ކުރިން އެކަމާގުޅިގެން ސީދާ ވަކި ޖަވާބެއް ބަތަލާ ދީފައެއް ނުވެއެވެ. ނަމަވެސް ދާދިފަހުން ރިލީޒްވި ސުޝްމިތާގެ ވެބް ސީރީސް "ތާލީ"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ބަތަލާ ބުނީ ރީނީއާއި އެލީސާ ކައިވެނީގެ ވާހަކަ ދެކެވުނަސް އެ ވާހަކަތަކާ އެހާ ގަޔާނުވާ ކަމަށެވެ.
ސުޝްމިތާގެ އުމުރުން އެންމެ 24އަހަރުގައި އޭނާ އެޑޮޕްޓްކުރި ދެ ކުދިން ކަމަށްވާ ރީނީއާއި އެލީސާއަށް އެ ކުދިންގެ ކާފަ، ސުޝްމިތާގެ ބައްޕަގެ ފަރާތުން ބައްޕައެއްގެ ލޯބި އެންމެ ތުއްތުއިރުންސުރެން ފެށިގެން ވެސް ލިބޭތީ ދިރިއުޅުމުގައި އެ ކުދިންނަށް ބައްޕައެއްގެ މަގާމު އެހާ މުހިއްމު ނޫން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
މިހާތަނަށް ބައްޕައެއްގެ ލޯބިން އެ ކުދިން މަހުރޫމުވެފައި ނެތުމުން ލިބެމުން އަންނަ ލޯބި އެހެން މީހެއްގެ ފަރާތުން ދެ ކުދިން ވެސް ހޯދަން ބޭނުން ނުވާނެކަމަށް ގަބޫލުކުރާކަމުގައި ބަތަލާ ވަނީ ބުނެފައެވެ. އެހެންނަމަވެސް އޭގެ މާނައަކީ ސުޝްމިތާގެ ދިރިއުޅުމުގައި ފިރިއެއްގެ ލޯބި ބޭނުން ނުވާކަމަށް ބުނުން ނޫން ކަމަށާއި ސުޝްމިތާވެސް އަމިއްލަ ދިރިއުޅުމުގައި ފިރިއެއް ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.
އަބަދުވެސް ވަރަށް ޅަ އުމުރުގައި މަންމައަކަށް ވާން ބޭނުންވި އެ މަޤުސަދު ޙާސިލުކުރެވުނުކަމަށާއި އޭރު ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް ބަތަލާއަށް އަމާޒުވިކަމަށް މި އިންޓަވިއުގައި ސުޝްމިތާ ވަނީ ބުނެފައެވެ. ސުޝްމިތާ 2000ވަނަ އަހަރު ރީނީ އެޑޮޕްޓްކުރުމަށްފަހު ހަގު ދަރިފުޅު އެލީސާ އެޑޮޕްޓްކުރީ 2010ވަނަ އަހަރުއެވެ. ވަރަށް ގިނަ ބަޔަކު ސުޝްމިތާގެ އެ ޢަމަލަކީ މަޝްހޫރުވާން ކުރި ކަމެއް ކަމަށް ސިފަކުރިކަމަށާއި އެހާ ޢުމުރުން ޅަވެފައި މަންމައެއްގެ ޒިންމާ އަދާނުކުރެވޭނެކަމަށް ބުނިކަމަށްވެސް ބަތަލާވަނީ ބުނެފައެވެ. އެހެންނަމަވެސް އެއީ މިހާތަނަށް ދިރިއުޅުމުގައި ނިންމުނު އެންމެ މުހިއްމު ނިންމުންކަމަށާއި ދެ ކުދިންނަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވާންވެސް ބަތަލާ ތައްޔާރަށް ހުރި ކަމަށް ވަނީ ބުނެފައެވެ.
ސުޝްމިތާގެ ދެވަނަ ވެބް ސީރީސް "ތާލީ"އަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނައިރު ބަތަލާ ތައްޔާރުވަމުން އަންނަނީ އެންމެ ފުރަތަމަ ކުޅުނު ވެބް ސީރީސް "އާރްޔާ"ގެ ތިންވަނަ ސީޒަން ރިލީޒްކުރުމަށެވެ.