08 May 2012, 22:16
ސަރުކާރުގެ އެދުމުގެ މަތިން އެއާޕޯޓުން ފުރާ ދިވެހިންގެ އަތުން އޭޑީސީގެ 25 ޑޮލަރު ނުނެގުމަށް އެއްބަސްވެ އެކަން ސަރުކާރަށް ހުށަހަޅާފައި ވާނެ ކަމަށް ޖީއެމްއާރުން މިއަދު ބުނެފި އެވެ.
ސަރުކާރަށް ދައްކާ ކޮންސެޝަންފީގެ ތެރެއިން 25 ޑޮލަރާއި އިންޝުއަރެންސް ސާޗާޖުގެ ފައިސާ ކަނޑާ މައްސަލައިގައި ދެކެވޭ ވާހަކަތަކަށް ރައްދުދެމުން ޖީއެމްއާރުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ ދިވެހިންގެ އަތުން އޭޑީސީ ނުނެގުމަށް ދެ ގޮތެއް ސަރުކާރަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އެއީ ދިވެހި ޕާސްޕޯޓެއްގައި ފުރާ އެއްވެސް މީހެއްގެ އަތުން 25 ޑޮލަރު ނުނަގާ ގޮތަށް ހަމަޖައްސައި ދެން ފުރާ ކޮންމެ މީހެއްގެ އަތުން 28 ޑޮލަރު ނެގުން ކަމަށެވެ. އަދި ދެ ވަނަ ގޮތެއް ކަމަށް ބުނެފައި ވަނީ ސާކުގެ ގައުމުތަކަށް ދަތުރުކުރާ މީހުންގެ އަތުން އޭޑީސީ ނުނަގައި ދެން ފުރާ އެންމެންގެ އަތުން 27 ޑޮލަރު އޭޑީސީއަށް ނެގުމެވެ.
"އެއީ ރާއްޖޭން ބޭރަށް ދާ ގިނަ ދިވެހިންނަކީ ސިއްޙީ ނުވަތަ ތަޢުލީމީ ބޭނުމުގައި ދާ ބައެއް ކަމަށް ވާތީ އެވެ.. ޖީއެމްއާރުގެ ފަރާތުން ދިވެހި ސަރުކާރަށް ދެ ހައްލެއް ވާނީ ހުށަހަޅައިފަ އެވެ. އަޅުގަނޑުމެން މިދަނީ މި ހުށަހެޅުންތަކަށް ދިވެހިސަރުކާރުގެ ފަރާތުން ޖަވާބަކަށް އިންތިޒާރު ކުރަމުންނެވެ. ދެ ހުށަހެޅުމުގެ ތެރެއިން ކޮންމެ ހުށަހެޅުމެއް ވެސް އަޅުގަނޑުމެން ގަބޫލު ކުރާނަމެވެ،" ޖީއެމްއާރުގެ ބަޔާނުގައިވެ އެވެ.
އޭޑީސީ ނަގަނީ ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށާއި އޭޑީސީ ނެގުމަށް އެގްރިމަންޓް ކުރީ ބިޑިން ޕްރޮސެސްގެ އިވެލުއޭޝަންގައި ސަރުކާރަށް ލަފާދިން އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ އެދުމުގެ މަތިން ކަމަށް ޖީއެމްއާރުގެ ބަޔާނުގައިވެ އެވެ. އަދި ބުނެފައި ވަނީ ސަރުކާރާ އެކު ވެފައިވާ އެގްރިމެންޓުގައި 2012 ވަނަ އަހަރުން ފެށިގެން އެ ފައިސާ ނެގޭނެ ކަމަށް ބުނެފައި އޮންނަ އިރު އެ ފައިސާ ނުނެގޭ ނަމަ ސަރުކާރުން އެ ފައިސާ ޖީއެމްއާރަށް ދައްކަން ޖެހޭނޭ ކަމަށެވެ.
އޭޑީސީގެ 25 ޑޮލަރު ޖީއެމްއާރަށް ނުނެގެނީ މިދިޔަ އަހަރުގެ ފަހު ކޮޅު އެ ފައިސާ ނުނެގޭނެ ކަމަށް ބުނެ ސިވިލްކޯޓުންކޮށްފައިވާ ހުކުމަކާ ގުޅިގެންނެވެ. އެއާ އެކު ޖީއެމްއާރުން މި އަހަރުގެ ފުރަތަމަ ފަހަރަށް އެއާޕޯޓަށް ދެއްކީ 8.7 މިލިއަން ޑޮލަރުގެ ބަދަލުގައި 525355 ޑޮލަރެވެ. ނަމަވެސް އެ ފައިސާ އުނިކުރަން މިދިޔަ ސަރުކާރުން އެއްބަސްވެފައިވާ އެއްބަސްވުން ބާތިލް ކޮށްފައިވާ ކަމަށް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުންޏެވެ. ޖީއެމްއާރާ އެކު އުފެދުނު ދެ ބަސްވުމާ އެކު އެ މައްސަލަ ހައްލުކުރަން ޖީއެމްއާރާ ސަރުކާރާ ދެމެދު ވަނީ މަޝްވަރާތަކެއް ފަށައިފަ އެވެ.
އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދާދިފަހުން މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އޭޑީސީގެ މައްސަލަ ދެން ނިންމަވާނީ ރައްޔިތުންގެ މަޖިލީސް ހުޅުވުމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ކަމަށެވެ.
ޖީއެމްއާރުން ބުނީ އެއާޕޯޓް ޕްރައިވެޓައިޒް ކުރި ފަހުން އެއާޕޯޓުން ސަރުކާރަށް ލިބުނު އެއްޗެއް ކޮންމެ އަހަރަކު ލިބުނު އެއްޗެއްގެ ތިން ގުނަ މިހާރު ވެސް އަރާނެ ކަމަށެވެ. އެގޮތުން 2010 ގައި ދިވެހި ސަރުކާރަށް 78 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ) ޖީއެމްއާރުން ސަރުކާރަށް ދެއްކި އިރު 2011 ގައި 33 މިލިއަން ޔޫއެސް ޑޮލަރު (500 މިލިއަން ރުފިޔާ) ސަރުކާރަށް ދެއްކި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި 2015 ގައި އައު ޓާމިނަލް ހުޅުވުމަށް ފަހު، ސަރުކާރަށް ދައްކާ ފައިސާގެ އަދަދު އަހަރަކު 50 މިލިއަން ޑޮލަރު (750 މިލިއަން ރުފިޔާ) އަށް ވުރެ އިތުރުވާނޭ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ. އަދި 2021 ގެ ފަހުން މި އަދަދު އަހަރަކު 100 މިލިއަން ޔޫ.އެސް. ޑޮލަރު (1.5 ބިލިއަން ރުފިޔާ) އަށް އިތުރުވެގެން ދާނެކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ވެސް އެއާޕޯޓުން ޖީއެމްއާރަށް ވަނީ އާމްދަނީގެ ގޮތުގައި 49.1 މިލިއަން ޑޮލަރު ލިބި، ޓެކްސް އަށް ކަނޑާ ފައިދާގެ ގޮތުގައި 4.6 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. މާލޭ އެއާޕޯޓަކީ ޖީއެމްއާރަށް އެންމެ ރަނގަޅު ފައިދާއެއް ލިބޭ އެއާޕޯޓެވެ.