24 Aug 2023, 08:58
ސްޓްރީމިންގް ޕްލެޓްފޯމް ނެޓްފްލިކްސްއިން ގެނެސްދޭ ފުރަތަމަ ޕާކިސްތާނު ވެބް ސީރީސްއިން އެ ޤައުމުގެ މަޝްހޫރު ތަރިންކަމަށްވާ މާހިރާ ޚާންއާއި ފަވާދު ޚާން ފެންނާނެކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ނެޓްފްލިކްސްއިން ގެނެސްދޭ މި ސީރީސްއަކީ 2013ވަނަ އަހަރު ޕަބްލިޝްކުރި ވާހަކަ "ޖޯ ބަޗޭ ހޭ ސަންގް ސަމީޓް ލޯ"އަށް ބިނާކޮށް އުފައްދާ ސީރީސްއެކެވެ.
ޕާކިސްތާނުގެ އޮރިޖިނަލް ތީމްއަށް ބިނާކޮށްގެން އުފައްދާ މިސީރީސްއިން މާހިރާއާއި ފަވާދު ފެންނާނެކަމުގެ ޚަބަރަކީ ދެ ތަރިންނަށް ތާއީދުކުރާ ވަރަށް ގިނަ ފަރާތްތަކެއް އުފާކުރާނެ ޚަބަރެކެވެ.
ދެ ތަރިން އެކީގައި ކުޅުނު ޑްރާމާ ސީރީސް "ހަމްސަފަރު"ގެ ހަނދާންތައް ގިނަ ބައެއްގެ ހަނދާނުން ނުފިލާއިރު ނެޓްފްލިކްސްއަށް އުފައްދާ ސީރީސްގެ ލިޔުންތެރިޔާއަކީވެސް "ހަމްސަފަރު" ވާހަކަ ލިޔުނު ލިޔުންތެރިޔާއެވެ.
ދިގު މުއްދަތަކަށް ދެ ތަރިން އެކީގައި ފެންނަ ވެބް ސީރީސް ބިނާކުރެވިފައިވަނީ ހާވާރޑް ޔުނިވަރސިޓީގައި ޤާނޫނީ ވަކީލުކަން ކިޔަވަމުން ދިޔަ ދަރިވަރަކާއި ވަރަށް ކުޅަދާނަ އާޓިސްޓަކާ އިޓަލީގައި ދިމާވެ ދެ މީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކުގެ މައްޗަށެވެ. ޚަބަރު ލިބިފައިވާގޮތުގައި މި ސީރީސްގެ ބޮޑު ބައެއްގެ މަންޒަރު ނެގުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތާއި، އިޓަލީ އަދި ޕާކިސްތާނުގައެވެ.
މިވެބް ސީރީސްއިން މީގެ ކުރިން ފަވާދު ޚާންއާއެކު މަސައްކަތްކުރި ވަރަށް ގިނަ ތަރިން ފެންނާނެކަމަށް އިންޑިއާގެ މީޑިއާތަކުގައި ވަނީ ބުނެފައެވެ. އޭގެތެރޭގައި ފަވާދުއާއެކު ޑްރާމާ ސީރީސް "ޒިންދަގީ ގުލްޒާރުހޭ" އާއި "ބަރުޒަޚު" އިން ފެނުނު ބަތަލާ ސަނަމް ސަޢީދު ހިމެނެއެވެ. އަދި ޕާކިސްތާނުގެ މަގުބޫލު ފިލްމީ ތަރިން ކަމަށްވާ އަޙަދު ރަޒާ މީރު، ޙަމްޒާ ޢަލީ ޢައްބާސީ، ބިލާލު އަޝްރަފު، މާޔާ ޢަލީ އަދި ހާނިއާ އާމިރު ހިމެނެއެވެ.
ފަވާދާއި މާހިރާ އެންމެ ފަހުން އެކީގައި ކުޅެފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ތާރީޚީ ފިލްމު "ދަ ލެޖެންޑް އޮފް މައުލާ ދަތު"އިންނެވެ.