23 Aug 2023, 20:59
ރާއްޖޭގެ އެންމެ ބޮޑު އެއް ދުވުމުގެ އިވެންޓު ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ކޯޗިން ޕާޓްނަރުންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މާދަމާ ރަޖިސްޓްރޭޝަނަށް ހުޅުވާލާ އެ އިވެންޓުގައި ބައިވެރިވުމަށް ބޭނުންވާ ކޯޗުންނަށް، އެމީހުންގެ ހިދުމަތްތަކުގެ ތަފްސީލް[email protected]އީމެއިލަށް ފޮނުވުމުގެ ފުރުސަތު މިމަހުގެ 29ވަނަ ދުވަހާ ހަމައަށް އޮތީ ހުޅުވާލާފައެވެ.
ދިރާގުން ބުނީ 2018ވަނަ އަހަރުން ފެށިގެން ރޯޑް ރޭހުގައި ކޯޗިން ޕާޓްނަރުން ހިމެނުމަށް ނިންމީ ބައިވެރިންނަށް ދުވުމުގެ ތަމްރީނު ދިނުމަށާއި، އާންމުންގެ މެދުގައި ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް ކަމަށެވެ.
އެ ކުންފުނީގެ ބްރޭންޑް އެންޑް އިވެންޓްސް މެނޭޖަރު ނާޔާ ޝަރީފް ވިދާޅުވީ މިއީ ކޯޗުންގެ މަސައްކަތް ވެސް ޕްރޮމޯޓުކުރުމަށާއި، ދުޅަހެޔޮ ދިރިއުޅުމެއް ކުރިއެރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
"މިއީ ތަޖުރިބާކާރު އަދި އައު ދުވުންތެރިންނަށްވެސް ސެޓިފައިޑް ޓްރެއިނަރުންގެ ކައިރިން ހިލޭ ކޯޗިންގ ހޯދައި ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ދުރާލާ ތައްޔާރުވުމަށް ލިބޭ ރަނުގެ ފުރުސަތެއް،" އޭނާ ވިދާޅުވިއެވެ.
މި ފަހަރުގެ ރޯޑް ރޭހުގައި ބައިވެރިކުރުވުމަށް ހަމަޖެހިފައިވަނީ އެންމެ ގިނަވެގެން 4000 މީހުންނެވެ. އެ ލިމިޓު ހަމަނުވާނަމަ، މިމަހުގެ 30ވަނަ ދުވަހާ ހަމައަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް ދިރާގުން ބުނެއެވެ.