އައްޑޫ ސިޓީ ހިތަދޫ ޑުރަގު ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގައި އޮން ދަ ޖޮބް ޓްރެއިނީން ގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން އިއުލާނުކޮށްފިއެވެ.

އެންޑީއޭއިން އިއުލާންކުރީ ކޮންޓްރެކްޓް އުސޫލުން ދެ އަހަރު ދުވަހު މަސައްކަތްކޮށްދޭނެ އޮން ދަ ޖޮބް ޓްރެއިނީ ގްރޭޑް ދޭއްގެ މަގާމެވެ.

މިވަޒީފާއަކީ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލުމަށް ބޭނުންވެގެން ފަރުވާ ފުރިހަމަކޮށްފައިވާ ނުވަތަ މަސްތުން ސާފުވުމަށްފަހު، އެފަދަ އެހެން އެޑިކްޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ ފުރުސަތެކެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި މިހާރު މަސްތުވާތަކެތި ބޭނުން ނުކުރާ މީހެއްކަމުގައިވުމާއި އެންޑީއޭ އިން ކުޑަކަމުދާ ތަކެތި ޓެސްޓް ކުރަން ބޭނުންވެއްޖެ ހިނދެއްގައި ކުޑަކަމުދާ ތަކެތި ނެގުމުގެ ފުރުސަތު ދޭންވާނެއެވެ. އަދި ގަޑިއަށް އޮފީހަށް ހާޒިރުވުމާއި ދެ ފަރާތުގެ ދެމެދު ހެދޭ ކޮންޓްރެކްޓަށް ހުރުމަތްތެރިކޮށް ހިތުމާއެކު ވަޒީފާގެ ސިއްރު ހިފަހައްޓަން ވާނެއެވެ.

މި މަސައްކަތުގެ ފުރަތަމަ ތިން މަސް ދުވަސް ބަލާނީ ޕްރޮބޭޝަންގެ ގޮތުގައެވެ. އެއަށް ފަހު، މަސައްކަތުގެ ފެންވަރު ވަޒަން ކުރުމަށް ފަހު ބާކީ އޮތް އެއް އަހަރާއި ނުވަ މަސް ދުވަހަށް ކޮންޓްރެކްޓް ގެންދެވޭނެއެވެ.

މިވަޒީފާގައި އަދާ ކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު ތަކުގެ ތެރޭގައި މަރުކަޒުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި ޕްރޮގްރާމްގެ ތެރެއިން ބޮޑަށް ބަލިވެގެން ޚާއްސަ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ރެސިޑެންޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ފެސިލިޓީގައި ހިންގޭ ޕްރޮގްރާމްތައް ރޭވުމުގައި އެހީތެރިވުން ހިމެނެއެވެ.

މީގެ އިތުރުން ތަނުން އަންގައި ކަންތައްތައް އެ އަންގާ ގޮތެއްގެ މަތިން ކުރިއަށް ގެންދިޔުމާއި ތަނުގައި ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމެވެ.

ގްރޭޑް ހަތެއް ނިންމާފައިވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން މިދާއިރާއިން ލެވެލް ތިނެއްގެ ސެޓްފިކެޓެއް އޮތުން ނުވަތަ ދާއިރާއާއި ގުޅޭ އެންޑީއޭއިން ކުރިއަށްގެންދާ ތަމްރީނެއްގައި ދެ ދުވަސް ފުރިހަމަކޮށްފައިވާ މީހަކަށް ވާން ޖެހެއެވެ.

މީގެ އިތުރުން އައުޓް ރީޗް ވޯކާއެއްގެ ގޮތުގައި މަދުވެގެން އެއް އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން ނުވަތަ އޮންދަ ޖޮބް ޓްރެއިނީ ގްރޭޑް އެކެއްގެ މަގާމުގައި މަދުވެގެން އެއް އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގެ ޕާފޯމަންސް އިން 85 ޕަސެންޓުން މަތިން މާކްސް ލިބިފައިވުން ހިމެނެއެވެ.

މި މަގާމަށް ހޮވޭ މީހަކަށް މަސައްކަތުގެ އުޖޫރައިގެ ގޮތުގައި މަހަކު 7،280 ރުފިޔާ ލިބޭނެއެވެ.

އެއީ މުސާރައަށް މަހަކު 4،000 ރުފިޔާ، ފީލްޑް އެލަވަންސްގެ ގޮތުގައި 1،000 ރުފިޔާ އަދި މިނިމަމް ވޭޖް އެލަވަންސް، 2،280 ރުފިޔާއެވެ.

އެންޑީއޭ އިން ބުނީ މި މަގާމަށް ކުރިމަތިލާން ބޭނުންވާ މީހުން، ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވޯކްޝޮޕް، ސެމިނާ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރު ފަހު 2:00އަށް އެ އެޖެންސީއަށް އީމެއިލް ކުރުމަށެވެ.