08 May 2012, 20:48
މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ ގަސްދުގައި ގ. ވޭރު، އަބްދުލް މުހީތު 21، މަރާލިކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖަކު ޖުވެނައިލް ކޯޓުން ގޭބަންދަށް ބަދަލުކުރުމުން އެ އަމުރު ބާތިލު ކުރުމަށްފަހު ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި 15 ދުވަހަށް އެ ކުއްޖާ ބަންދު ކުރަން ހައިކޯޓުން އަމުރުކޮށްފި އެވެ.
ހައިކޯޓުން އެގޮތަށް އަމުރުކުރީ ގަސްތުގައި މުހީތު މަރާލިކަމަށް ތުހުމަތު ކުރާ މާލެއަށް ނިސްބަތްވާ އެ ކުއްޖާ 15 ދުވަހަށް ގޭބަންދުގައި ބެހެއްޓުމަށް ޖުވެނައިލް ކޯޓުން މިދިޔަ އާދީއްތަ ދުވަހު ނެރުނު އަމުރު ޕީޖީ އޮފީހުން އިސްތިއުނާފު ކުރި މައްސަލަ ބެލުމަށް ފަހު އިއްޔެ އެވެ.
ހައިކޯޓުން ކުރި ހުކުމްގައި ބުނަނީ އެ ކުއްޖާގެ ފަސް މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު އޭގެ ތެރެއިން ޓެރަރިޒަމްގެ މައްސަލައަކާއި ޣައިރުގާނޫނީ އެއްވުމެއްގައި ބައިވެރިވުމުގެ މައްސަލައެއް ކޯޓަށް ހުށަހެޅިފައިވާތީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ.
އެހެންކަމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އެކުއްޖާ ބަންދުކޮށްފައި ބެހެއްޓުމުގެ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާތީ ޖުވެނައިލް ކޯޓުގެ އަމުރު ބާތިލުކޮށް ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި އެކުއްޖާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރާކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
މުހީތުގެ މަރުގެ މައްސަލައިގައި އިތުރު ކުޑަކުއްޖަކު ވެސް ހިމެނެއެވެ.
ދެ ކުޑަކުދިންގެ އިތުރުން އެ މައްސަލައިގައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވާފައި ގދ.ގައްދޫ އަބުލަޣީގެ، މުހުޖަތު އަހުމަދު ނާސިހު 18 އާއި ސ.މަރަދޫ ސަލްޓަންވިލާ، އަލީ މުޝައްފަޢު 20، އާއި ޅ.ނައިފަރު ޒައިތޫނިގެ މުހައްމަދު މައިމޫން،19 ގެ މައްޗަށެވެ.