13:00


ސުޕްރީމް ކޯޓު ޤާއިމްކުރެވެންދެން ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ އެންމެހައި މަސްއޫލިއްޔަތުތަކާއި، ސުޕްރީމްކޯޓުގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހިންގެވުން ހަވާލުކުރެވި ހަތަރު ބޭފުޅުން ތެރޭގައި ހިމެނޭ  ހދ. ކުޅުދުއްފުށީ ފިނިފެންޖަންބުގޭ އަލްއުސްތާޛު މުޙަންމަދު އިބްރާހީމް ވެސް އިސްތިއުފާ ދެއްވައިފި އެވެ.


މުހަންމަދު އިބްރާހީމް ސަންއެފްއެމް އޮންލައިނަށް ދާދި ދެންމެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއަދު 12 ޖަހާކަން ހާއިރު އިސްތިއުފާ ދެއްވީ، އޭނާ އަށް ފުރަތަމަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެއްވި މައުލޫމާތާ ހިލާފު މަސްއޫލިއްޔަތެއް ހަވާލުކުރެއްވުމުން ކަމަށެވެ.


"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅަކު ރޭ އެދި ވަޑައިގަތީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ގައި ބަޔާންކޮށްފައިވާ، 'ގައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާ އަށް ލަފާދިނުމަށް އުފައްދަވާ ވަގުތީ ކޮމޝަނެއްގައި ބައިވެރިވެވިދާނެތޯ' ނަމަވެސް ފަހުން އިއުލާނު ކުރެއްވީ އެހެން ކަމެއް." މުހަންމަދު އިބްރާހީމް ވިދާޅުވި އެވެ.


ރައީސުލްޖުމްހޫރިއްޔާ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހިންގެވުން އެ ބޭފުޅުންނާ ހަވާލުކުރެއްވީ ޤާނޫނު އަސާސީގެ 14 ވަނަ ބާބު ކަމަށްވާ އިންތިޤާލީ ކަންތައްތަކާ ބެހޭ ބާބުގައި ބަޔާންކޮށްފައިވާ ކަންތައްތައް ޤާނޫނު އަސާސީ އަށް ޢަމަލުކުރާން ފަށާތާ ދެ އަހަރުވުމުން ނިމުމަކަށް އަންނާނެ ކަމަށް ބަޔާންކޮށްފައި ވާތީ އަދި އިއްޔެއާ ހަމައަށް އިންތިޤާލީ މަރްޙަލާ ނިމުމަކަށް އައުމާއެކު، ޤާނޫނު އަސާސީގެ 282 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އުފައްދާފައިވާ ސުޕްރީމް ކޯޓުގެ ދައުރު ނިމުމަކަށް އައިސްފައިވާތީ، ޤާނޫނު އަސާސީގެ 145 ވަނަ މާއްދާގައި ބަޔާންވެގެންވާ ސުޕްރީމްކޯޓު ޤާއިމްކުރެވިފައިނުވުމުގެ ސަބަބުން ޤާނޫނީ ހުސްކަމެއް އަންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. އަދި ޢަދުލު އިންޞާފު ޤާއިމްކުރުމުގެ އެންމެ އިސް ފަރާތް ކަމަށް ޤާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ސުޕްރީމްކޯޓު ނެތުމުން ދިމާވާ ޤާނޫނީ ހުސްކަން އަޔަނުދެއްވުމަށްޓަކާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.