ބެންކޮކް (23 އޮގަސްޓް 2023): ތައިލެންޑްގެ އާންމު އިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ޕާޓީގެ ލީޑަރު ޕީތާ ލިމްޖަރޮއެންރާތު، ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތަށް އެ ގައުމުގެ މުއައްސަސާތަކުން ހުރަސްއެޅުމާ އެކު އޭނާއަށް އެކަން ކުރެވެން ނެތުމުން އިންތިޚާބުގައި ދެވަނައަށް އެންމެ ގިނަ ގޮނޑި ލިބުނު ޕާޓީ ކަމަށްވާ ޕުއަ ތައީ ޕާޓީގެ ކެންޑިޑޭޓް ސްރެއްތާ ތަވީސިން ބޮޑުވަޒީރު ކަމަށް އައްޔަންކޮށްފިއެވެ.

ޕުއަ ތައި ޕާޓީގެ ލީޑަރަކީ ތައިލެންޑްގެ ކުރީގެ ބޮޑުވަޒީރު އަދި އެ ގައުމުގެ މަޝްހޫރު މަހުޖަނު ތަކްސިން ޝިނަވަތްރާއެވެ. މިއާ އެކު ތަކްސިން މީގެ ދެ ދުވަސް ކުރިން ވަނީ 17 އަހަރު ގައުމުން ބޭރުގައި އުޅުއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެންފައެވެ.

ގައުމަށް ވަޑައިގަތުމާ އެކު އޭނާއަށް ޖެހިވަޑައިގެންނެވީ ޖަލަށް ވަޑައިގަންނަވާށެވެ. އެއީ، އޭނާގެ މައްޗަށް ކުރިން އިއްވާފައިވާ ހުކުމެއް ތަންފީޒު ކުރުމުގެ ގޮތުންނެވެ. ނަމަވެސް ތައިލެންޑްގެ ބޮޑުވަޒީރަކަށް ވެވަޑައިގެންނެވި ސެއްތާ ތަވީސިން އަކީ ތަކްސިންގެ ޕާޓީގެ ބޭފުޅަކަށްވުމާއި އެ ޕާޓީގެ ސަރުކާރުގައި ހިމެނޭ ކޯލިޝަން އެހެން ޕާޓީތަކަކީ ތައި ސިފައިންގެ މުއައްސަސާގެ ރުހުން އޮތް ޕާޓީތަކަކަށްވާތީ ލަސްތަކެއްނުވެ ތަކްސިން މިނިވަންވެވަޑައިގަންނަވާނެ ކަމަށް ވަނީ ބެލެވިފައެވެ.

މި ބަދަލާއެކު ތައިލެންޑުގެ ސިޔާސީ މަސްރަހުގައި މީގެ 17 ވަރަކަށް އަހަރު ކުރިން އުފެދިފައިވާ ނުތަނަވަސް ކަމަށް ނިމުން އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ.

ތައި އާންމު އިންތިޚާބުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ މޫވް ފޯވާޑް ޕާޓީއެވެ. ޕާޓީގެ ޒުވާން ލީޑަރު ޕީތާ ލިމްޖަރޮއެންރާތަށް ބޮޑުވަޒީރުކަން ނުލިބުނީ ތައިލެންޑްގެ ސިޔާސީ މަސްރަހު ކޮންޓްރޯލްކުރާ އެ ގައުމުގެ ބާރުގަދަ އަސްކަރީ މުއައްސަސާގެ ރުހުން ޕީތާއަށް ނުލިބުމުން ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

އަސްކަރީ މުއައްސަސާގެ ރުހުން ޕީތާއަށް ނުލިބުނު އެއް ސަބަބަކީ ތައި ޕާލަމެންޓްގައި ހިމެނޭ ދެގޭގެ ތެރެއިން ސެނެޓްގައި ސިފައިންގެ ފަރާތުން އައްޔަންކުރާ 250 މެންބަރުން ތިބޭ ތިބުން ނިމުމަކަށް ގެނައުމުގެ ގާނޫނެއް ފާސްކުރާނެ ކަމަށް ޕީތާ ވިދާޅުވެފައިވާތީއެވެ. އަނެއް ސަބަބަކީ ތައިލެންޑްގެ ރަސްގެފާނަށް ފާޑުކިޔާ ފަރާތްތަކަށް 15 އަހަރުގެ ޖަލު ހުކުމެއް އަންނަ ގާނޫނު ވެސް ބޮޑުވަޒީރުކަން ލިބިއްޖެނަމަ އުވާލައްވާނެ ކަމަށް ޕީތާ ކުރިން ވިދާޅުވެފައިވުމެވެ.

މިއީ ތައިލެންޑްގެ އާންމު ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ދެ ކަންތަކެކެވެ. މި ދެކަން ކޮށްފިނަމަ ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ލިބޭނެއެވެ. ނަމަވެސް މިއީ ސިޔާސީ މަސްރަހަށް އަތްގަދަ ކޮށްފައިވާ ސިފައިންގެ މުއައްސަސާ ވަރަށް ބޮޑަށް ދެކޮޅު ހަދާ ދެކެމެވެ.

ޕީތާއަށް ބޮޑުވަޒީރުކަން ނުލިބުނީ ސިފައިންގެ 250 މެންބަރުން ހިމެނޭ ތައި ސެނެޓްގެ ތާއީދު އޭނާއަށް ނުލިބުމުގެ ސަބަބުންނެވެ. މިހާރު ވެރިކަމަށް އައި ތަކްސިންގެ ޕާޓީއަކީ ވެސް ސިފައިން ސިޔާސީ މަސްރަހަށް އަތްގަދަކޮށްފައި އޮންނަ އޮތުމާ ކުރިން ދެކޮޅުހެދި ޕާޓީއެކެވެ. އަދި، 2006 ވަނަ އަހަރު ތަކްސިން ބޮޑުވަޒީރު ކަމުގައި އޭނާ ގައުމުން ބޭރަށް ކުރެއްވި ދަތުރުފުޅެއްގައި އުޅުއްވަނިކޮށް އަސްކަރީ އިންގިލާބެއް ގެނަސް މަގާމުން ދުރުކުރީ ވެސް ތައި ސިފައިންނެވެ.

ނަމަވެސް މުހައްލިލުން ވިދާޅުވާ ގޮތުގައި ވެރިކަމަށް އައުމަށް ލިބުނު މި ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި ތަކްސިންގެ ޕާޓީން ތައި ސިފައިންނާ އެކު ސިއްރު ޑީލެއް ހަދާފައިވާ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ސިފައިންގެ އިތުބާރު ނެތް ޕާޓީއެއްގެ ކެންޑިޑޭޓަކު ބޮޑުވަޒީރު ކަމަށް އައުމަކީ ތައިލެންޑްގެ ސިޔާސީ މަސްރަހު އޮންނަ ގޮތުން ގާތްގަނޑަކަށް މުސްތަހީލު ކަމެކެވެ.