08 May 2012, 19:20
ވޯކްސް ކޯޕަރޭޝަން ލިމިޓެޑުގެ މަސައްކަތްތައް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ގޮތަށް ނިންމީ މިއަދު ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި ވޯކްސް ކޯޕަރޭޝަންގެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.
ރައީސް އޮފީހުން ބުނީ މިއަދުގެ ބައްދަލުވުމުގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ވާރކްސް ކޯޕަރޭޝަނާއި ޙަވާލުކުރުމުން ތަޖްރިބާ އާއި ޚަރަދަށް އަދި މަސައްކަތުގެ ހަލުވިމިނަށް ބަލާއިރު އަދި މިހާތަނަށް އިތުރު ކުރިއެރުމެއް ލިބިފައި ނެތްކަން ވަޒީރުން ފާހަގަކުރެއްވި ކަމަށެވެ.
އަދި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ދަށަށް އެތާނގެ މަސައްކަތްތައް ބަދަލުކުރެއްވުމުން، މިހާރަށްވުރެ ޚަރަދު ކުޑަކޮށް އަދި ރަނގަޅަށް ހިނގާނެ ކަމަށާއި، އަދި ސަރުކާރުން މިހާރު ފަށްޓަވާފައިވާ އެތައް މަޝްރޫޢުތަކެއް މަޑުނުޖެހި ކުރިއަށް ގެންދެވިދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމުގައިވެސް މެންބަރުން ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.