23 Aug 2023, 15:48
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި މަސައްކަތް ކުރަން ޖެހޭ ދުވަސްތައް ހަފުތާއަކު ހަތަރު ދުވަހަށް މަދުކުރުމުން ގަޑި ޖެހޭ މުވައްޒަފުންގެ އަދަދާއި، ސަލާމް ބުނާ މުވައްޒަފުންގެ އަދަދު ދަށްވެއްޖެކަމަށް އެ އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން މިހާރު ދަނީ ހަފުތާއަކު ފަސް ދުވަހު މަސައްކަތް ކުރުމުގެ ބަދަލުގައި ހަފުތާ އަކު ހަތަރު ދުވަހު މަސައްކަތް ކުރުމުގެ އިންތިޒާމެއް ތަޖުރިބާ ކުރަމުންނެވެ. އެގޮތުން ރޯދަ މަހާ ދިމާކޮށް މިދިޔަ މާޗު މަހާއި އޭޕްރިލް މަހުގެ އިތުރުން ޖޫން މަހު ވެސް މި ތަޖުރިބާ ކުރިއަށްގެންގޮސްފައިވެއެވެ.
މި ދުވަސްތަކަށް ޕީޖީ އޮފީހުން ވަނީ ވަކި ޚާއްޞަ ގަވާއިދުތަކެއް ވެސް ކަނޑައަޅާފައެވެ. އެގޮތުން އޮފީހަށް ނުކުންނަ ދުވަސްތަކުގައި ގަޑި ޖެހޭ ނުވަތަ ސަލާމް ބުނާ މުވައްޒަފުންނަށް ޖެހިގެން އަންނަ ހަފުތާގައި ގޭގައި މަސައްކަތް ކުރުމުގެ ފުރުސަތު ނުލިބެއެވެ. އަދި މަސައްކަތުގެ ފެންވަރު ދަށްވާ ޔުނިޓްތަކުގެ އެންމެން އޮފީހަށް ނުކުންނަން ޖެހެއެވެ.
އެ އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ތަޖުރިބާގެ ނަތީޖާއަކީ، މުވައްޒަފުން ސަލާމް ބުނާ އަދަދާއި، ގަޑި ޖެހޭ މުވައްޒަފުންގެ އަދަދުތައް ދަށްވުމެވެ. އެގޮތުން ޕީޖީ އޮފީހުން ވަނީ ފެބްރުއަރީ 19 އާއި މާޗު 22އާ ދެތޭރެ މުވައްޒަފުން ހަފުތާއަކު ފަސް ދުވަހު މަސައްކަތް ކުރިއިރާއި މާޗް 23 އާއި އޭޕްރިލް 27އާ ދޭތެރޭ ހަފުތާއަކު ހަތަރު ދުވަހު މަސައްކަތް ކުރިއިރުގެ ހާޒިރީ ދައްކުވައިދޭ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.
އެ ތަފާސްހިސާބުން ދައްކާ ގޮތުގައި ފަސް ދުވަހު މަސައްކަތް ކުރަން ޖެހުމުން ގަޑި ޖެހުނު މުވައްޒަފުންގެ އަދަދަކީ 72 އެވެ. އެހެންނަމަވެސް ހަތަރު ދުވަހު މަސައްކަތް ކުރުމުން ގަޑި ޖެހުނު މުވައްޒަފުންގެ އަދަދުވަނީ 48އަށް ދަށްވެފައެވެ.
މީގެ އިތުރުން ހަފުތާއަކު ފަސް ދުވަހު މަސައްކަތް ކުރަން ޖެހުމުން 101 މުވައްޒަފުން ސަލާމް ބުނެފައިވާ އިރު، ހަތަރު ދުވަހު މަސައަކަތް ކުރަން ޖެހުމުން ސަލާމް ބުނެފައިވަނީ 60 މުވައްޒަފުންނެވެ.
ގަޑި ޖެހުމާއި ސަލާމް ބުނުމުގެ އިތުރުން އާއިލީ ޒިންމާގައި ޗުއްޓީ ނެގި މީހުންގެ އަދަދު ވެސް ވަނީ ދަށްވެފައެވެ. އެގޮތުން ފަސް ދުވަހު މަސައްކަތް ކުރަން ޖެހުނު އިރު 69 މުވައްޒަފުން އާއިލީ ޒިންމާގެ ޗުއްޓީ ނެގި އިރު، ހަތަރު ދުވަހު މަސައްކަތް ކުރި އިރު އެ ޗުއްޓީ ނަގާފައި ވަނީ 32 މުވައްޒަފުންނެވެ.
ނަމަވެސް މަސައްކަތް ކުރާ ދުވަސްތައް މަދުކުރުމުން، އޮފީހުން ކުރަން ޖެހޭ މުހިންމު ބައެއް މަސައްކަތްތައް ކުރެވިފައިހުރިލެއް މަދުކަން ތަފާސްހިސާބުން ދައްކައެވެ. އެގޮތުން ކޯޓުގެ އަޑު އެހުންތައް ބޭއްވި އަދަދު ވަނީ މަދުވެފައެވެ. ފަސް ދުވަހު މަސައްކަތްކުރިއިރު 2853 އަޑުއެހުން ބާއްވާފައިވާއިރު ހަތަރު ދުވަހު މަސައްކަތް ކުރިއިރު ބޭއްވުނީ 1460 އަޑުއެހުމެވެ.
އެހެން ނަމަވެސް ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅައި ފިޔަވަޅު އެޅި އަދަދު ހަތަރު ދުވަހު މަސައްކަތް ކުރުމުންވަނީ 220އިން 280އަށް އިތުރުވެފައެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި މި ތަޖުރިބާ ހިންގުމުގެ މައިގަނޑު މަގުސަދަކީ އެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތުގެ މާހައުލުގައި އިޖުތިމާއީ، އިގުތިސާދީ، ރޫހާނީ، ޖިސްމާނީ އަދި އާއިލީ ދުޅަހެޔޮކަން އިތުރު ކުރުމެވެ. އަދި އެއީ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރު ކޮށްދިނުމަށް ކަމުގައިވެސް އެ އޮފީހުން ބުނެފައިވެއެވެ.