އިންޑިއާއިން ހަނދުގެ ދެކުނު ފަރާތަށް ފޮނުވި ދެވަނަ އުޅަނދު، ކާމިޔާބުކަމާއެކު ހަނދަށް ތިރިކޮށްފިއެވެ.

އިންޑިއާ މިހާރުވެފައި ވަނީ ހަނދުގައި އުޅަނދެއް ޖެއްސި ހަތަރު ވަނަ ގައުމަށެވެ. މީގެ ކުރިން ހަނދުގައި ޖައްސާފައި ވަނީ އެމެރިކާ އާއި ސޯވިއެޓް ޔޫނިއަން އާއި ޗައިނާގެ އުޅަނދުތަކެވެ.

މީގެ އިތުރުން މިއީ ހަނދުގެ ދެކުނު ފަރާތުގައި އުޅަނދެއް ޖެއްސި ފުރަތަމަ ފަހަރުވެސްމެއެވެ.

ޗަންދުރަޔާން-3 ހަނދަށް ޖެއްސުން އެގައުމުގެ ޓީވީތަކުން ލައިވްކޮށްފައިވާ އިރު އެތައް މިލިއަން މީހުން އެ މަންޒަރު ބަލައި އުފާފާޅުކޮށްފައިވެއެވެ.

އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ހިމެނިވަޑައިގެންނެވިއެވެ. އެ އުޅަނދު ޖެއްސުމާއެކު މޯދީ ވަނީ "އިންޑިއާއިން މިހާރު ހަނދުގައި ޖައްސާފައިވާ"ކަން އިއުލާން ކުރައްވާފައެވެ.

"އިންޑިއާގެ ކޮންމެ ރައްޔިތަކަށް ވެސް މިއީ ތާރީޚީ ވަގުތުކޮޅެއް، އަޅުގަނޑުމެން އެންމެން ވަރަށް ފަޚުރުވެރިވޭ.... މި ގައުމުގެ 1.4 ބިލިއަން ރައްޔިތުންނަށް މަރުހަބާ ކިޔަން،" މޯދީ ވިދާޅުވިއެވެ.

އިންޑިއާގެ އުޅަނދު ހަނދަށް ޖެއްސުމުން އެގައުމުގެ ޖައްވީ އިދާރާ، އިސްރޯގައި އުފާ ފާޅުކުރަނީ -- ފޮޓޯ/ އިސްރޯ

ސަންސްކްރިތު ބަހުން "ހަނދުގެ އުޅަނދު"ގެ މާނަ ދޭހަވާ ނަމެއް ދީފައިވާ ރޮކެޓް ޗަންދުރަޔާން-3 ލޯންޗުކޮށްފައި ވަނީ މިދިޔަ މަހުގެ 14ގައެވެ. އެއީ އިންޑިއާގެ އަންދްރަ ޕްރަދޭޝް ސްޓޭޓްގައި ހުންނަ ސަތީޝް ދަވަން ސްޕޭސް ސެންޓަރުންނެވެ.

އިންޑިއާއިން 2008 ވަނަ އަހަރު ޗަންދުރަޔާން-1 ފޮނުވީ ހަނދުގެ ވަށައިގެން ދަތުރުކުރުމަށް ފަހު، ހަނދަށް ވެއްޓޭ ގޮތަށެވެ. ނަމަވެސް 2019 ވަނަ އަހަރު އެގައުމުން ޗަންދުރަޔާން-2 ފޮނުވީ އެ އުޅަނދު ކޮންޓްރޯލްކޮށް، ހަނދުގައި ޖެއްސުވުމުގެ އުއްމީދުގައެވެ.

ނަމަވެސް އެ އުޅަނދު ހަނދުގައި ޖައްސަން އުޅެނިކޮށް، އެއާ މުވާސަލާތީ ގުޅުން ކެނޑި، ހަނދަށް ވެއްޓި ހަލާކުވީއެވެ.

ޗަންދުރަޔާން-3 ގައި ހިމެނެނީ ލޭންޑާ، ޕްރޮޕަލްޝަން މޮޑިއުލް އަދި ރޯވާ އެވެ. އޭގެ މަގުސަދަކީ ރައްކާތެރިކަމާއެކު ހަނދުގެ ސަރަޙައްދަށް ޖެއްސުމާއި، މައުލޫމާތު އެއްކޮށް، ހަނދާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ސައިންޓިފިކް ތަހުލީލުތަކެއް ކުރުމެވެ.

ހަނދަށް ޖެއްސޭފަދަ އުޅަނދެއް އުފައްދައި މި މަސައްކަތް ކާމިޔާބު ކުރަން އިންޑިއާއިން މަސައްކަތްކުރާތާ ގިނަ އަހަރުތަކެއްވެއްޖެއެވެ.

އިންޑިއާއިން ވަނީ ޗަންދުރަޔާން-3 މިޝަންއަށް 75 މިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ.

ދުނިޔޭގެ ސްޕޭސް ރޭހުގައި ކުރި ހޯދަން މަސައްކަތް ކުރާ އިންޑިއާއިން 2019 ވަނަ އަހަރު ވަނީ، ކުރިއަށް އޮތް ހަތް އަހަރު ތެރޭގައި އެގައުމުން އަމިއްލަ ޖައްވީ ސްޓޭޝަނެއް ގާއިމު ކުރާނެ ކަމަށް ބުނެފައެވެ. މިހާރު ޖައްވަށްދާ މީހުން ބޭނުން ކުރަނީ އެކި ގައުމުތައް ގުޅިގެން އުފައްދާފައިވާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނާއި ޗައިނާގެ ޓިއަންގޮންގް ސްޕޭސް ސްޓޭޝަނެވެ.