23 Aug 2023, 11:06
ތެހެރާން (23 އޮގަސްޓް 2023): އީރާނުން އަލަށް އުފެއްދި ހަނގުރާމަމަތީ ޑްރޯންއަކީ އީރާނުގައި ހަލުއިކަމާއެކު ކުރިއަރަމުންދާ އަސްކަރީ ސިނާއަތުގެ ފަޚުރެއްކަމަށް އެގައުމުގެ ރައީސް އިބްރާހީމް ރައީސީ ވިދާޅުވެއްޖެއެވެ.
މި ޑްރޯން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސީ ވިދާޅުވީ މިޑްރޯން އުފެއްދި އީރާނު ސައެންސްވެރިންނާއި އިންޖިރޭނުންނާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމުގައެވެ.
އީރާނުން އަލަށް އުފެއްދި ޑްރޯނަށް ދީފައިވާ ނަމަކީ "މުހާޖިރު 10" އެވެ. އީރާނުގެ އަސްކަރީ އިންޑަސްޓްރީ އާ ހަވާލާދީ އެގައުމުގެ ރަސްމީ މިޑިއާ ބުނާގޮތުން މިއީ ހަނގުރާމަ މަތީ ޖެޓެއް ގޮތަށް ބޭނުންކުރެވޭ ފެންވަރުގެ ޒަމާނީ ޓެކްނޮލޮޖީއާއި ސަވައިލެންސްގެ ވަރަށް ޒަމާނީ ސިސްޓަމްތަކެއް ހިމެނޭ ޑްރޯންއެކެވެ. ހަމަލާދޭން ބޭނުންވާ ތަންތަނަށް މި ޑްރޯނުން ވަރަށް އެކިއުރޭޓްކޮށް މިސައިލު ފޮނުވާލެވެއެވެ. ނުވަތަ އޭގައި ހަރުކޮށްފައިވާ މިސައިލުން ހަމަލާދެވޭނެއެވެ.

އީރާނުން އުފައްދާފައިވާ ޑްރޯން އެއްކަމަށްވާ "ޣައްޒާ"
އަނެއްކޮޅުން މިއީ ދުވެލި ބާރު އަދި ހުއްޓުމެއްނެތި 24 ގަޑީއިރު އުދުހުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯންއެކެވެ. އަދި 23 ހާސް ފޫޓުގެ މަތިން ދަތުރުކުރުމުގެ ގާބިލުކަން މިޑްރޯނަށް ލިބިފައިވާއިރު އާންމުކޮށް އަސްކަރީ ޑްރޯންތައް އުދުހެނީ 10 ހާހާއި 15 ހާސް ފޫޓު މަތިންނެވެ.
މިޑްރޯން ބޭނުންކޮށްގެން ދެ ހާސް ކިލޯމީޓަރުގެ ދުރުގައިވާ ތަންތަނަށް ފަސޭހައިން ހަމަލާ ދެވިދާނެއެވެ. މި އައު ޑްރޯންއަކީ 300 ކިލޯ ގްރާމްގެ ހަތިޔާރާއެކު ގަޑިއަކު 250 ކިލޯމީޓަރުގެ ބާރު މިނުގައި ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯންއެކެވެ.

އީރާނުން އުފައްދާ ޑްރޯނެއްކަމަށްވާ "ޝާހިދު136"
އީރާނުގެ އަސްކަރީ އިންޑަސްޓްރީން މި އައު ޑްރޯން އުފައްދައި ޚިދުމަތަށް ނެރެފައިމިވަނީ އެގައުމުން އުފައްދާފައިވާ މަޝްހޫރު އަސްކަރީ ޑްރޯން މުހާޖިރު 6، ޔުކްރެއިން ހަނގުރާމައިގާ ޔުކްރެއިންގެ އަމާޒުތަކަށް ހަމަލާދިނުމަށް ފުޅާދާއިރާއެއްގައި ރަޝިއާ ބޭނުންކުރަމުން ގެންދާތީ އެމެރިއާއި ޔޫރަޕް ވަރަށް ބޮޑަށް ކަންބޮޑުވެގެން އެވާހަކަ ދައްކާ ދަނޑިވަޅެއްގައެވެ.
އީރާނުގައި އުފައްދާފައިވާ އަސްކަރީ އެހެން ޑްރޯނެއްކަމަށްވާ "ޝާހިދު 136" މަރުކާގެ ޑްރޯންއަކީވެސް ޔުކްރެއިން އާ ދެކޮޅަށް ރަޝިއާ ފުޅާދާއިރާއެއްގައި ބޭނުންކުރާ ޑްރޯންއެކެވެ.
އީރާނަކީ އަމިއްލަ ޓެކްނޮލޮޖީގައި ވަރަށް ފުޅާދާއިރާއެއްގައި އަދި ވަރަށް ހަލުއިކޮށް ހަތިޔާރުގެ އިންޑަސްޓްރީ ތަރައްގީ ކުރަމުން ގެންދާ ގައުމެކެވެ. އީރާނަކީ ބަލަސްޓިކް މިސައިލްގެ ޓެކްނޮލޮޖީގެ ދާއިރާގައިވެސް ވަރަށް ކުރީގައި އުޅޭ ގައުމެކެވެ. މީގެއިތުރުން އަސްކަރީ މަނަވަރުތަކާއި ސަބްމެރިން އާއި ޓޭންކްއާއި އާމެޑް ވެހިކަލްތައްފަދަ އެކިބާވަތުގެ ބަރުހަތިޔާރުތައް އީރާނުން އުފައްދައެވެ.
އަމިއްލަ ޓެކްނޮލޮޖީގައި ފައިޓާޖެޓް އެއް އުފެއްދުމުގެ މަޝްރޫއެއްވެސް އީރާން ކުރިޔަށްގެންދާއިރު އީރާނަކީ ނިއުކްލިޔާ ޓެކްނޮލޮޖީވެސް ތަރައްގީކޮށް ބޭނުންނަމަ ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަންވެސް ލިބިފައިވާ އަދި ނިއުކްލިޔާ ހަތިޔާރުގެ އޮޅިގަނޑުގައިވާ ގައުމެކެވެ.
އީރާނުން މިހުރިހާ ތަކެއްޗެއްވެސް އުފައްދައި ޓެކްނޮލޮޖީގައި ކުރިއަރަމުންދަނީ އީރާނުގެ ކުރިއެރުން ހުއްޓުވުމަށްޓަކައި އެމެރިކާއާއި ޔޫރަޕުން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވަނިކޮށެވެ.