އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުއްވުމަށް ފަހު އެނބުރި ވަޑައިގަތުމުން އޭނާގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އޭސީސީގެ ކުރީގެ ރައީސް ލުތުފީ، ފުރުން މަނާ ކުރުމުގެ އަމުރެއް ކޯޓުން ނެރެދީފައިވާ ކަމަށެވެ. އެކަމަކު، އެ މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ހާމަަކޮށްފައެއް ނުވެއެވެ.

ފުލުހުން މީގެ ކުރިން 2019 ވަނަ އަހަރު ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ލުތުފީގެ މައްސަލައެއް ތަހުގީގު ކުރަން ފަށައިފައެވެ. އެކަމަކު، އެ ތަހުގީގަށް އެއްވެސް އެއްބާރުލުމެއް ނުދީ، އޭނާ ހުންނެވީ މެލޭޝިއާގައެވެ.

އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭން ބޭރުގައި ހުންނެވުމަށް ފަހު، އޭނާ މާލޭ ވަޑައިގަތީ މި ހަފުތާ ތެރޭގައެވެ. އަދި، މި ފަހުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ވަޑައިގެންނެވީއިރު، އޭނާއަށް މަރުހަބާ ކިޔަން ސަފުގައި ހުންނެވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާގައި ހެއްކެއްގެ ގޮތުގައި ވެސް ލުތުފީގެ ނަން ހުށަހެޅިއެވެ. އެކަމަކު، މިނިވަންކަމާ އެކު ހެކިބަސް ދެވޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ، ލުތުފީ ވަނީ ހެކިބަސް ދޭން ދެކޮޅު ހަދައިފައެވެ.

އޭސީސީއަށް ލުތުފީ އައްޔަން ކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2009 ވަނަ އަހަރެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މެލޭޝިއާއަށް އަރުވާލެވިގެން ހުންނަވާތީ މަގާމުން ވަކިކުރަން ލަފާ ދީފައި އޮއްވައި 2019 ވަނަ އަހަރެވެ.