ސަލްމާން ޚާން، ކަރަން ޖޯހަރުގެ ދަރުމާ ކުންފުންޏަށް ކުޅޭ ފިލްމުގައި އެކްޓަރު ފެންނާނީ އާމީ އޮފިސަރެއްގެ ރޯލްއިންކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މިފިލްމަކީ، ދަރުމާ ކުންފުނިން އުފެއްދި ކާމިޔާބު ފިލްމު "ޝޭރްޝާހް"ގެ ޑައިރެކްޓަރު ވިޝްނޫ ވަރުދަންގެ ފިލްމެކެވެ.

މީޑިއާ ރިޕޯޓުތަކުން ބުނެފައިވާގޮތުން މިފިލްމުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހުތެރޭ ފެށުމަށްވަނީ ތައްޔާރުވެފައެވެ. އަދި ފިލްމު ރިލީޒްކުރުމަށް ރޭވިފައިވަނީ މިއަންނަ އަހަރުގެ ޑިސެމްބަރު މަހުތެރޭއެވެ.

ދާދިފަހުން މުމްބާއިގައި ބޭއްވި ހަފުލާއެއްގައި ސަލްމާން ޚާން އަސްކަރީ އޮފިސަރުން ތިބޭގޮތަށް ބޯ ކޮށާފައިވުމާއެކު ދަރުމާގެ މިފިލްމުގައި އެކްޓަރު ފެންނާނީ އާމީ އޮފިސަރެއްގެ ރޯލްއިންކަމަށްވަނީ ކަށަވަރުވެފައެވެ.

ދަރުމާގެ ފިލްމަކުން ނުފެންނަތާ 25 އަހަރުފަހުން ސަލްމާން ސޮއިކުރި މިފިލްމަށް ކިޔާނެ ވަކި ނަމެއް އަދި ރަސްމީކޮށް އިއުލާނުކޮށްފައެއްނުވެއެވެ.

ޑައިރެކްޓަރު ވިޝްނޫ ވަރުދަންގެ ފިލްމު "ޝޭރްޝާހް"އަށް ލިބުނު ތަރުހީބާއެކު ވިޝްނޫ ބޭނުންވަނީ ސަލްމާންގެ މިފިލްމުވެސް އާމީ ބެކްޑްރޮޕްއަކާއެކު އުފެއްދުމަށްކަމަށް މީޑިއާ ރިޕޯޓުތަކުންވަނީ ބުނެފައެވެ. ފިލްމުގައި ސަލްމާނު ކުޅެން ހަމަޖެހިފައިވާ ރޯލަށް ތައްޔާރުވުމުގެގޮތުން އަސްކަރީ ދާއިރާއާ ގުޅުންހުރި ތަމްރީނުތައް ހޯދުމަށް ސަލްމާނު ވަރަށް އަވަހަށް މަސައްކަތްފަށާނެކަމަށް ރިޕޯޓުތަކުންވަނީ ބުނެފައެވެ.

ސަލްމާން ޚާން އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިއަހަރު ރިލީޒްވި ފިލްމު "ކިސީކާ ބާއި ކިސީކާ ޖާން"އިންނެވެ. ބޮޑު ބަޖެޓަކުން ފިލްމު އުފެއްދިއިރު ހީކުރިވަރަށް ބޮކްސް އޮފީހުގައި ފިލްމަށް ތަރުހީބު ނުލިބެއެވެ.

ސަލްމާން ޚާންގެ އެންމެ އުއްމީދީ ފިލްމުކަމަށްވާ "ޓައިގާ3" މިއަހަރުގެ ނޮވެމްބަރު 10ގައި ރިލީޒްކުރުމަށް ތައްޔާރުވެފައިވާއިރު މިއީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ފިލްމެއްކަމަށް ބެލެވެއެވެ. ސަލްމާންއާއެކު ފިލްމުގައި ލީޑް ރޯލްއިން ދެން ފެންނާނީ ބަތަލާ ކެޓްރީނާ ކައިފްއެވެ.