08 May 2012, 18:43
އެމްޑީޕީން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް އެއްވުންތައް ބާއްވާ ދަރުބާރުގެ ފުރަގަހުން އޮންނަ އުސްފަސްގަނޑު މާލޭ ސިޓީ ކައުންސިލުން އަތުލައި އެތަން ހައުސިން މިނިސްޓްރީގެ ދަށަށް ގެނައުމަށް ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ ގޮތަށް ނިންމީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ބައެއް ބިންތައް އެއްބަސްވުމާ ހިލާފަށް ބޭނުންކުރަމުންދާ މައްސަލައިގައި މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރުން މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.
މިނިސްޓަރުން މަޝްވަރާކުރެއްވުމަށް ފަހު ނިންމެވީ މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ އުސްފަސްގަޑު ހައުސިން މިނިސްޓްރީ އަށް ބަދަލުކުރުމުގެ ބާރު އެ މިނިސްޓްރީ އަށް ދިނުމަށް ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ސިޓީ ކައުންސިލްގެ ދަށުގައިވާ އެހެން ބިންތައް ވެސް ގަވާއިދާ ހިލާފަށް ބޭނުން ކުރާ ނަމަ އެފަދަ ބިންތައް މިނިސްޓްރީ އަށް ނެގުމުގެ ބާރު މިނިސްޓްރީ އަށް ދިނުމަށް ބައްދަލުވުމުން ނިންމެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އުސްފަސްގަޑު ހައުސިން މިނިސްޓްރީގެ ދަށަށް ބަދަކުރަން ނިންމި އިރު ދަރުބާރުގެ ހައުސިން މިނިސްޓްރީ އަށް ބަދަލުކުރުމުން އެ މައްސަލަ ވަނީ ހޫނުވެފަ އެވެ. ދަރުބާރުގެ ހައުސިން މިނިސްޓްރީއާ ހަވާލުކުރަން އެންގި ނަމަވެސް އެ އެންގުމަށް ސިޓީ ކައުންސިލުން ބޯލަބާފައެއް ނުވެ އެވެ. އެ މައްސަލަ މިހާރު އޮތީ ލޯކަލް ގަވަމެންޓް އޮތޯރިޓީގަ އެވެ. އަދި ކޭމްޕް ޖަހައިގެން މުޒާހަރާ ކުރަމުން ދިޔަ ރާޅުގަނޑު ސަރަހައްދު ވެސް ވަނީ މީގެ ކުރިން ސަރުކާރުގެ ބެލުމުގެ ދަށަށް ގެން ގޮސްފަ އެވެ.