22 Aug 2023, 23:50
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ނުވާނެ ގޮތެއް ހެދުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ހ)ގައި މިހާރު ބަޔާންކޮށްފައި ވަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް މެންބަރަކު ކަނޑައަޅަންވާނެ ކަމަށެވެ. އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކޮށްފައިވާ އާބާދީ 5000 އިތުރުވާ ނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށް ވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެއް ހޮވަންވާނެ ކަމަށް ބަޔާންކުރެއެވެ.
އެހެން ކަމުން މިހާރު 87 މެންބަރުން ތަމްސީލް ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް އަނެއްކާ ވެސް މެންބަރުންތަކެއް އިތުރުވާނެއެވެ.
ނަމަވެސް ދެވަނަ ދައުރަކަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އިންތިހާބްވެއްޖެ ނަމަ މަޖިލިސް މެންބަރުންގެ އަދަދު އިތުރު ނުވާނެ ގޮތެއް ހަދާނެ ކަމަށް ބުނެ ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
އެގޮތުން މަޖިލީސް އެކުލެވިގެންވާގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، މެމްބަރުންގެ އަދަދު ކޮންމެ ފަސްއަހަރަކުން އިތުރުވާ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރާނެ ކަމަށް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
މަޖިލިސް މެންބަރުންގެ އަދަދު އިތުރުވިޔަ ނުދިނުމަށް މީގެ ކުރިން ނިމިދިޔަ ދެ ދައުރުގައި ވެސް މަޖިލީހަށް ހުށަހެޅިއެވެ. އެންމެ ފުރަތަމަ 2013 ވަނަ އަހަރު އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުއެވެ. އޭގެ ފަހުން ނިމިގެން ދިޔަ މަޖިލީހަށް އޭރުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް ވެސް އެ އިސްލާހު ހުށަހެޅުއްވިއެވެ. އަދި މިި ދައުރުގައި ވެސް އެ އިސްލާހު މަޖިލީހަށް ހުށަހެޅިއެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދު 87 ބެއިތިއްބުމަށް މިފަހަރު ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ މަޖިލީހުން އިސްލާހު ވަނީ ފާސްނުކޮށް ބޭރު ކޮށްލާފައެވެ.
މަޖިލިސް މެންބަރުންގެ އަދަދު 77 ގައި ހުރިއިރު އެ އަދަދުގައި ބެހެއްޓުމަށް ކުރި މަސައްކަތް ނާކާމިޔާބްވެ މިހާރު މެންބަރުންގެ އަދަދު ވަނީ 87 އަށް އަރާފައެވެ.