22 Aug 2023, 23:04
އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި އިންސައައްތައެއްގެ ފައިސާ ދިނުމަށް ވެރިކަން ކުރާ އެމްޑީޕީން ވައުދުވެ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުކޮށްފައިވާ މެނިފެސްޓޯގައި ހިމަނައިފިއެވެ.
ބ. ދަރަވަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވަނީ މެނިފެސްޓޯގައި ހިމެނޭ ހެޔޮވެރިކަމުގެ ބައި އިއުލާނު ކޮށްފައެވެ. އޭގައި ވަނީ ދައުލަތް ހިންގުމާއި ޖަވާބުދާރީ ކުރުވަނިވި ނިޒާމު ހަރުދަނާ ކުރުމަށް މީޑިއާގެ ދަފްތަރުގައި ހުރި މައްސަލަތައް ހައްލުކުރާނެ ގޮތްތަކެއް ހިމަނާފައެވެ.
މީޑިއާތަކުގެ މާލީ އެގޮތުން ދައުލަތުގެ ބަޖެޓުން ކަނޑައަޅާ އިންސައްތައެއްގެ ފައިސާ އެލޮކޭޓް ކުރުމަށް ވަނީ ހިމަނާފައެވެ. އެއީ މާލީ ގޮތުން މީޑިއާތައް ވަކިވަކި ފަރާތްތަކަށް ބަރޯސާ ވެފައިވާ މިންވަރު ކުޑަކުރުމަށް ކުރަން ނިންމާފައިވާ ކަމެއް ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ.
މީޑިއާތަކުން ފަތުރާ ޚަބަރުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ސެލްފް ރިގިއުލޭޓަރީ ނިޒާމެއް ގާއިމް ކުރުމަށް ވެސް އެ މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
ދައުލަތުގެ ފަރާތުން ގެނެސްދޭ ޚަބަރާއި މައުލޫމާތަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކްސެސިބަލްކޮށް ތައްޔާރުކުރެވޭ ކޮންޓެންޓްގެ ގޮތުގައި ހެދުމަށް ވެސް މެނިފެސްޓޯގައި ވަނީ ހިމަނާފައެވެ.
ރާއްޖޭގެ ހުރިހާ މީޑިއާއެއް ކަހަލަ ގޮތަކަށް ހިންގަމުން އަންނަނީ ސްޕޮންސާއަށް ބަރޯސާވެގެންނެވެ. އެންމެ ގިނައިން ސްޕޮންސާ ދެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. އެވަރުން ޚަރަދު ދެކޮޅު ނުޖެހޭ ހާލަތްތަކުގައި އެހީތެރިކަމެއް ދެނީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތެއް ނުވަތަ ވިޔަފާރިވެރިއެކެވެ. އެކަމުގެ ސަބަބުން ނޫސަތަކުން ސްޕޮންސަރުންގެ މަސްލަހަތު ހިމާޔަތް ކުރަން ޖެހެއެވެ.