08 May 2012, 18:18
ޓްރާންސްޕޯޓް މިނިސްޓްރީގެ ހިސާބުތައް ރަނގަޅަށް ބަލަހައްޓާފައި ނުވާ ކަމަށާއި ބައެއް ހިސާބުތައް ދިމާނުވާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އެހެން މި މިނިސްޓްރީތަކާ ހިލާފަށް ޓްރާންސްޕޯޓް މިނިސްޓްރީގައި މައްސަލަތައް މަދުކަން އެ ރިޕޯޓުން ފާހަގަވެ އެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް ސޮއި ކުރައްވާ އާންމު ކުރައްވާފައިވާ ރިޕޯޓުގައި ބުނަނީ ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހަޅާފައިވާ މާލީ ހިސާބުތަކާއި ފިނޭންސް މިނިސްޓްރީގެ ލެޖާގައި ހިމެނިފައިވާ އަދަދުތަކާއި ބޮޑަތި ފަރަގުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ފާހަގަކުރައްވާފައި ވަނީ އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ގުޅުން ހުރި ހާޑްވެއާގެ ގޮތުގައި 26 މިލިއަން ރުފިޔާ އެ މިނިސްޓްރީގެ ހިސާބުތަކުގައި ހިމެނިފައިވީ ނަމަވެސް ފިނޭންސުން ބަލަހައްޓާ ސެންޓަފޯ އިންފޮމޭޝަންގެ ޓެކްނޮލޮޖީގެ ޖެނެރަލް ލެޖާގައި އެ އަދަދު ހިމަނާފައި ނެތުމެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީން ނަގާ ލައިންސަންސް ފީގެ އިންސުއަރެންސް ފައިސާ ލެޖާގައި ހިމަނާފައިވާ އަދަދަށްވުރެ ފިނޭންސް މިނިސްޓްރީގައި ރެކޯޑް ކޮށްފައިވާ އަދަދު 229935ރ. އިތުރުކަމަށް ރިޕޯޓްގައިވެ އެވެ.
ރީޖަނަލް އެއާޕޯޓްތަކަށް ހަރަދުކުރުމަށް ދޫކޮށްފައިވާ ފައިސާގެ ހިސާބުބެލެހެއްޓުމުގައި މައްސަލަތައް އުޅޭ ކަން ވަނީ ފާހަގަކޮށްފަ އެވެ. އެ ގޮތުން ބުނެފައިވަނީ އެއާޕޯޓްތަކަށް ހަރަދުކުރުމަށް ދޫކޮށްފައިވާ ޖުމްލަ 47.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ހިސާބުތަކުން ދައްކާ ކަމަށެވެ. ނަމަވެސް އެ ފައިސާއިން 947014ރ. ހަރަދުނުކޮށް ބާކީ ހުރިނަމަވެސް ހިސާބުތަކުގައި ހިމަނާފައި ނުވާ މައްސަލަވެސް ވަނީ އޮޑިޓާ ޖެނެރަލް ފާހަގަކުރައްވާފަ އެވެ.
އެ ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވަނީ ހަރު މުދަލުގެ އިންވެންޓްރީ އާއި އެކި މަސައްކަތްތައް ކުރުމާއި ގަންނަން ޖެހޭ ބައެއްތަކެތި ބީލަމަށް ނުލާ ގަނެފައިވުމެވެ. އެގޮތުން ރީޖަނަލް އެއާޕޯޓްސްއަށް އެއްފަހަރާ ގަންނަން ޖެހުނު ބައެއް ތަކެތި 25،000ރ. ބޮޑުނުވާނެހެން ވަކި ވަކިން ގަނެފައިވުމާއި އަދި ޓްރެފިކްލައިޓްތައް ހެދުމަށް ކުންފުންޏަކާއި ހަވާލުކޮށް އެ މަސައްކަތް ކުރުމުގެ ކުރިން 9000ރ. ނަގާފައިވާ މައްސަލައެއް ވަނީ ފާހަގަކޮށްފަ އެވެ. އަދި ދަތުރުފަތުރަށް 750782ރ. ހަރަދުކޮށްފައިވާއިރު އެ ދަތުރުތަކުގެ ރިޕޯޓްތައް ފެންނަންނެތްކަންވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.
ފަހަކަށް އައިސް އޮޑިޓާ ޖެނެރަލް އަންނަނީ ސަރުކާރުގެ ގިނަ އޮފީސްތަކާއި މުއައްސަސާތައް އޮޑިޓް ކުރައްވާ އޮޑިޓް ރިޕޯޓްތައް އާންމު ކުރައްވަމުންނެވެ.