ހޮލީވުޑްގެ އެންމެ މަގުބޫލު ލަވަކިޔުންތެރިން ކަމަށްވާ އާރިއާނާ ގްރާންޑޭ އާއި ޑެމީ ލޮވާޓޯގެ ގިނަ ދުވަސްވީ މެނޭޖަރު ސްކޫޓާ ބްރައުން މެނޭޖަރު ކަމުން ވަކި ކޮށްފިއެވެ.

މިއުޒިކް އިންޑަސްޓްރީގެ އެންމެ ބޮޑެތި ނަންތަކުގެ ތެރޭގައި ހިމެނޭ އެއް ނަމަކީ ސްކޫޓާއެވެ. އޭނާ އަކީ ހޮލީވުޑްގެ އެންމެ ބޮޑެތި ތަރިންތައް މެނޭޖުކުރަމުން ދިޔަ މީހެކެވެ.

ދާދި ފަހުން އާންމުވެފައިވާ ގޮތުގައި ޑެމީ އާއި އާރިއާނާ ވަނީ ސްކޫޓާއާ އެކު އޮތް އެއްބަސްވުން ނިމުމަކަށް ގެނެސްފައެވެ. ދެ ތަރިން ވެސް އެންމެ ކުރިން ފެށިގެން މެނޭޖު ކުރަމުން ދިޔައީ ސްކޫޓާއެވެ. ނަމަވެސް އެންމެ ފަހުން ސްކޫޓާ އަލުން މެނޭޖަރުގެ ގޮތުގައި ބަހައްޓަން ބޭނުންނުވާކަން ވަނީ ހާމަވެފައެވެ.

ދެ މީހުންގެ މެނޭޖަރު ކަމުން ސްކޫޓާ ދުރުވެފައިވާ ސަބަބެއް ނޭނގެއެވެ.

މި ވާހަކަ އާންމުވެފައިވަނީ ސްކޫޓާގެ އެންމެ ބޮޑު ތަރި ޖަސްޓިން ބީބާ ވެސް އޭނާގެ ބެލުމުގެ ދަށުން ދުރަށް ދިޔުމަށް ނިންމާފައިވާ ކަމަށް އިއުލާނު ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. މި ހުރިހާ ތަރިތަށް ސްކޫޓާއާ ދުރަށް ދިޔުމުގެ ފަހަތުގައި ވާ ސަބަބެއް އަދި ހާމައެއް ނުވެއެވެ. ނަމަވެސް އޭގެ ފަހަތުގައި ބޮޑު ކަންތައް ގަނޑެއް އޮތް ކަމަށް ވެސް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

މަޝްހޫރު ތަރި ޓޭލާ ސްވިފްޓް އަކީ ވެސް ސްކޫޓާ އެއް އިރަކު މެނޭޖު ކުރި ތަރިއެކެވެ. ނަމަވެސް ސްކޫޓާ ވަނީ ޓޭލާ އަށް އެކި ގޮތްގޮތުން އުނދަގޫތައް ކޮށްފައެވެ. އޭގެތެރޭގައި އަމިއްލަ މިއުޒިކުން ޓޭލާއަށް ފައިދާއަށް ނުލިބޭ ގޮތް ހެދުން ހިމެނެއެވެ. މި ސަބަބާ ހުރެ ޓޭލާ ވަނީ ސްކޫޓާ ދޫކޮށް އަމިއްލަ ލޭބަލްގައި މިއުޒިކް އުފައްދަން ފަށާފައެވެ.