ޒުވާން ލޯބީގެ ތިނެސްކަން ވާހަކައެއް ކިޔައިދޭ މަގުބޫލު ޓީވީ ޝޯ "ދަ ސަމާ އައި ޓާންޑް ޕްރިޓީ" ތިންވަނަ ސީޒަނަކަށް ރިނިއު ކޮށްފިއެވެ.

އެމޭޒަން ޕްރައިމްގެ އެންމެ މަގުބޫލު އޮރިޖިނަލް ޝޯތަކުގެ ތެރޭގައި ހިމެނޭ މި ޝޯ ދައްކަން ފެށުމާ އެކު ވެސް ޒުވާނުންގެ ތެރޭގައި ބޮޑު މަގުބޫލު ކަމެއް ހޯދިއެވެ. ކޮވިޑްގެ ތެރޭގައި މި ޝޯ ދައްކަން ފެށުމާ އެކު އެތައް ބަޔަކު ގޭގައި ތިބެގެން މި ލޯބީގެ ޑްރާމާގަނޑު ބަލަން ވަގުތު ހުސްކުރިއެވެ.

އެންމެ ފަހުން ޝޯގެ ތިންވަނަ ސީޒަނެއް އިއުލާނު ކޮށްފައިވަނީ ޝޯގެ ދެވަނަ ސީޒަން ދައްކަން ފަށައި މާ ގިނަ ދުވަސްތަކެއް ވެސް ވެފައި ނުވަނިކޮށެވެ. އެގޮތުން އާ ސީޒަން އަކީ ޝޯގެ އެންމެ ފަހު ސީޒަން ކަމުގައި ވަނީ ޕްރޮޑަކްޝަނުން އިޝާރާތް ކޮށްފައެވެ.

ޝޯގެ ތިންވަނަ ސީޒަން ވެސް ވަރަށް އަވަހަށް ނެރޭނެ ކަމަށް ވަނީ ޕްރައިމްއިން އިޝާރާތް ކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި މި އަހަރުގެ ފަހުކޮޅު ނޫނީ އަންނަ އަހަރުގެ ކުރީ ކޮޅުގައި އާ ސީޒަން ފެންނާނެއެވެ.

މި ޝޯ ގިނަ ބައެއްގެ ސަމާލު ކަމަށް އައިސްފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ބައެއް ލަވަތައް، ޝޯގެ ސައުންޑްޓްރެކްގައި ހިމަނާފައިވާތީއެވެ.

ސަމާ އައި ޓާންޑް ޕްރިޓީގައި ކިޔައިދެނީ ޒުވާން އަންހެނެއް ކަމަށްވާ ބެލީގެ ވާހަކައެވެ. ބެލީއަށް ދެބެން ކަމަށްވާ ޖެރެމާޔާ އާއި ކޮންރެޑް ދެކެ ލޯބި ވެވިގެން މި ދެ މީހުންގެ މެދުގައި ތާށިވެ ކަންތައްތައް ދިމާވާ ގޮތް މި ޝޯއިން ދައްކައިދެއެވެ. ޝޯގެ ދެ ސީޒަން ނިމުނު އިރު ތަފާތު އާ ކެރެކްޓަރުން ވެސް ވަނީ ތައާރަފު ކޮށްފައެވެ.