މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ، ކުއްލި ސާޖަރީއެއް ހަދައިފިއެވެ.

ބުރަކަށީގައި ރިއްސާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، ސިޓީން ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ޕްރިިމިއާ ލީގު މެޗަށްފަހު ގާޑިއޯލާ ވަނީ އެމަޖެންސީ ސާޖަރީއެއް ހެދުމަށް ބާސެލޯނާއަށް ގޮސްފައެވެ.

އެކަމާ ގުޅިގެން އުމުރުން 52 އަހަރުގެ ގާޑިއޯލާއަށް ސިޓީން ކުޅޭ ދެ މެޗެއް ގެއްލޭނެއެވެ. ސިޓީން ޝެފީލްޑް ޔުނައިޓެޑް އަދި ފުލަމްއާ ދެކޮޅަށް ކުޅޭ މެޗުތަކުގައި އެޓީމަށް އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗު ޖުންމާ ލިލޯއެވެ.

"ބުރަކައްޓަށް ދިމާވި މައްސަލައަކާ ގުޅިގެން މިއަދު ގާޑިއޯލާ ވަނީ ސާޖަރީއެއް ހަދާފައި. ގާޑިއޯލާގެ ބުރަކަށީގައި ރިއްސާތާ މިހާރު ވަނީ ދުވަސްތަކެއް ވެފައި. ބާސެލޯނާގައި އޭނާގެ ސާޖަރީ ހަދާފައިވަނީ ޑރ. މިރޭއާ އިލުއެކާ. ސާޖަރީ ވަރަށް ކާމިޔާބު، އަދި އޭނާގެ ފަރުވާގެ ކަންކަން ކުރިއަށްގެންދާނީ ވެސް ބާސެލޯނާގައި،" ސިޓީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ގާޑިއޯލާ ވަނީ މިދިޔަ ސީޒަނުގައި ސިޓީއަށް އިނގިރޭސި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޔޫއެފާ ޗެމްޕިއަންސް ލީގު ވެސް ހޯދައިދީފައެވެ. ސިޓީގެ މިސީޒަނުގެ ފެށުން ވެސް ރަނގަޅެވެ. ސިޓީން ޔޫއެފާ ސުޕަ ކަޕް ކާމިޔާބުކުރި އިރު، ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަަމަ ދެ މެޗު ވެސް ވަނީ ކާމިޔާބުކޮށްފައެވެ.