ފަސްހާސް ރުފިޔާގެ އެލަވަންސްއަކާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން ހިލޭ ކިޔެވޭ ސެޓްފިކެޓް ލެވެލްގެ ފަސް ކޯހެއް އެމްއެންޔޫއިން ހުޅުވާލާފިއެވެ.

މީގެތެރޭގައި ހިމެނޭ ކޯސް ތަކަކީ؛

  • ކަލިނަރީ އާޓްސް - މާލެ

  • ހައުސް ކީޕިން އޮޕަރޭޝަންސް - މާލެ
  • ހައުސް ކީޕިން އޮޕަރޭޝަންސް - ހދ. ކުޅުދުއްފުށި
  • ޓުއާ ގައިޑިން - މާލެ, އައްޑޫ

މި ކޯސްތަކަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ފަސް މަސްދުވަހުގެ މުއްދަތަކަށް ކުރިއަށް ދާ އެ ކޯސްތައް ފެށޭނީ މިމަހުގެ 27 ވަނަ ދުވަހުއެވެ.

މި ކޯސްތަކުގެ ޝަރުތަކީ އަސާސީ ތައުލީމު ފުރިހަމަކުރުން، ނުވަތަ ލެވެލް ދޭއްގެ ސަނަދެއް އޮތުމެވެ. 18 އަހަރު ފުރިފައި ވުމާއެކު، ގުޅުން ހުރި ދާއިރާގައި އެއް އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހުރި މީހުންނަށް ވެސް ކުރިމަތި ލެވޭނެއެވެ.

މި ކޯސްތަކަށް ކުރިމަތިލާ މީހުންނަކީ އުމުރުން އަށާރަ އަހަރާއި ތިރިސް ފަސް އަހަރުގެ މީހަކަށް ވާންޖެހެއެވެ. އެއާއެކު، ވަޒީފާގައި އުޅޭނަމަ ހަފްތާއަކު 20 ގަޑި އިރަށް ވުރެށް އިތުރަށް މަސައްކަތް ކުރާ މީހަކަށް ވެގެން ނުވާނެވެ.

އަދި، ހިލޭ އެހީގެ ދަށުން ހިންގާ އެއްވެސް ތަމްރީނު ޕްރޮގުރާމެއް ނުވަތަ، ވޯލްޑް ބޭންކުގެ މާލީ އެހީގެ ދަށުން ހިންގާ އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވެފައިވާ މީހަކަށް ވެގެން ނުވާނެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުން ބުނީ، މި ކޯސްތަކުގެ ސަބަބުން އެކި ދާއިރާތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ހުނަރާއި އިލްމު ދަރިވަރުންނަށް ހޯދުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.