22 Aug 2023, 21:00
(ހުޅުމީދޫއިން، ޢާލިމް އަބްދުއްލަތީފް)
އައްޑޫ ސިޓީ، ހުޅުމީދޫގައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސް ބޮޑުކޮށްދީ ފެލިވަރުގައި ހުންނަފަދަ ކޭނިން ފެކްޓްރީއަކަށް ބަދަލުކޮށްދެއްވާނެކަމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ހުޅުމީދުއަށް މުއިއްޒު ވަޑައިގެންނެވިއިރު، އޭނާއަށް މަރުހަބާ ކިޔަން ގިނަ ބަޔަކު ނުކުމެފައި ތިއްބެވެ.
މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީން ފެންނަނީ ރައީސް ޔާމީންގެ ތަރައްގީ ގެންނަން ބޭނުންވެފައި އޮތް މިންވަރު ކަމަށެވެ. އަދި އޭނާއަށް ފުރުސަތު ދެއްވައިފިނަމަ އެ ތަރައްގީ އަލުން ގެނެސްދެއްވާނެކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ގެދޮރުވެރިކަމަކީ ހުޅުމީދުއަށް ވެސް އެންމެ މުހިންމު ކަންތައް ކަމަށާއި އެއަށްފަހު ވަޒީފާގެ ފުރުސަތު ވެސް މި ދެ ރަށަށް އިންތިހާއަށް ބޭނުންވާކަމަށެވެ. އޭނާ ވިދާޅުވީ، ވަޒީފާ ލިބޭނީ، ވަޒީފާ ލިބޭ ކަންކަން އުފައްދައިގެން ކަމަށެވެ.

ހުޅުމީދޫގައި ބޭއްވި ޕީޕީއެމް، ޕީއެންސީ ޖަލްސާ --
އެ ގޮތުން، އެންމެ މުހިންމީ މަސްވެރިކަންކަމަށާއި ހުޅުމީދޫގައި ހުންނަ ކޯލްޑް ސްޓޯރޭޖް ބޮޑުކޮށް ފެލިވަރުގައި ހުންނަފަދަ ކޭނިން ފެކްޓްރީއަކަށް ބަދަލުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންނެވިއެވެ.
އޭގެ ސަބަބުން، މަދުވެގެން 500 ވަޒީފާ އުފެދޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެ ކަން ކުރުމަށް ޓަކައި މި ވިއްކައިލައިގެން އުޅޭ ކަނޑު ވެސް ހޯދަން ޖެހޭނެ އަނބުރާ. އެ ކަން ވެސް ކުރެވޭނީ ތިޔަ ބޭފުޅުން އަޅުގަނޑުމެންނަށް ފުރުސަތު ދެއްވައިގެން،" މުއިއްޒު ވިދާޅުވިއެވެ.
"ގާނޫނާ ގަވައިދާ ޚިލާފަށް އަތުލި ކަނޑު އަނބުރާ ހޯދާނަން،"
މީގެ އިތުރުން، އައްސޭރި ޓޫރިޒަމްގެ ޕްރޮޖެކްޓް ކުރިއަށް ގެންގޮސްދެއްވާ އައްޑުއަށް 6000 އެނދު ގެނެސްދެއްވާނެކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"އެއީ މި ސިޓީގެ އިގްތިސޯދީ ކުރިއެރުމަށް އެންމެ މުހިންމު ކަންތައް،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ސިޓީގެ އެއާޕޯޓް ތަރައްގީވާން ޖެހޭ ކަމަށާއި އެންމެ ހައެއްކަ ޑެސްޓިނޭޝަނަށް އުދުހިގެން ވާކަށް ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އެހެންވީމަ މި ސިޓީގެ އެއާޕޯޓް އިތުރަށް ފުޅާކޮށް ވަރުގަދަކޮށް އެކި ތަފާތު ތަންތަނަށް އުދުހޭ ތަނަކަށް ބަދަލުކޮށްދޭނަން،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، ހިތަދުއާއި ހުޅުމީދޫ ގުޅުވައިލަދޭ 15 ކިލޯމީޓަރުގެ ބްރިޖް އަޅުއްވައިދެއްވާނެ ކަމަށެެވެ.
"ބްރިޖް އެޅެންޔާ ބުރިޖު އެޅޭ ބަޔަކާ ހަވާލުކޮށްގެން ދެއްތޯ އެ ކަން ވާނީ،" މުއިއްޒު ވިދާޅުވިއެވެ.
"ފަސް އަހަރު ނިމެނީ. ތިން ހޮޅިދަނޑި އެބައިން ޖެހިފައި. އެއީކީ ނޫން ރައްޔިތުންނަށް ތަރައްގީ ގެނެސްދޭން ޖެހޭ ގޮތަކީ،"
މުއިއްޒު ވިދާޅުވީ ވެރިކަމަށް ކުރިމަތިލެއްވީ ސީރިއަސް މަސައްކަތްތަކެއް ކުރައްވަން ކަމަށާއި 24 ގަޑިއިރު މަސައްކަތް ކުރައްވަން ތައްޔާރަށް ތިއްބެވި ކަމަށެވެ.