08 May 2012, 17:37
އެންމެ ތައްޓަކާއެކު މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިންމާލަން ޖެހުނު ނަމަވެސް، އަންނަ ސީޒަންގައި ވަރުގަދަ ޓީމެއް ލިވަޕޫލުން ފެނިގެންދާނެ ކަމަށް އެޓީމުގެ ކެޕްޓަން ސްޓީވެން ޖެރާޑް ބުނެފި އެވެ.
އިނގިރޭސި މީޑިއާތަކަށް ދީފައިވާ އިންޓަވިއުގައި ޖެރާޑް ބުނެފައި ވަނީ، ލިވަޕޫލަކީ އަބަދުވެސް ވަރުގަދަ ޓީމެއް ކަމަށާއި މިސީޒަންގައި ލިބުނު ނާކާމިޔާބީއަށް ފަހު އަންނަ ސީޒަނާ ކުރިމަތި ލާނީ އާހިތްވަރަކާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމުގެ އުންމީދުގައި ކަމަށެވެ.
"ލިވަޕޫލަކީ އަބަދުވެސް ވަރުގަދަ ޓީމެއް. މިސީޒަނަށް ވުރެ އަންނަ ސީޒަންގައި ލިވަޕޫލް ވަރުގަދަވާނެ. ޓީމުން ރަނގަޅު ސްކޮޑެއް ވެސް އަންނަ ސީޒަންގައި ފެނުން ވަރަށް ގާތް" ޖެރާޑް ބުންޏެވެ.
އޭނާ ބުނީ، މިފަހަރުގެ ޕްރިމިއާ ލީގުގައި ޓީމް ދެއްކި ކުޅުމާމެދު ހިތް ހަމަ ނުޖެހޭ ކަމަށާއި ލީގުގެ ގަދަ ހަތަރަކުން ޖާގަ ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާކަމަށެވެ. އެގޮތުން ލީގުގައި މިހަތަނަށް 36 މެޗް ކުޅެ 49 ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައިގައި ޓީމް އޮތް އިރު، ތަފާތު ގިނަ ދަތިތައް ކުރިމަތިވީކަމަށް ވެސް ޖެރާޑް ބުނެފައި ވެއެވެ. އެކަމަކު އެ ދަތިތަކަކީ ކޮންކަހަލަ ދަތިތަކެއް ކަމައް އޭނަ ހާމަކޮށްފައެއް ނުވެއެވެ.
"ޕްރިމިއާ ލީގުގައި ރަނގަޅު ކުޅުމެއް ދެއްކުމަށް ކުޅުންތެރިން މަސައްކަތް ކުރި. އެކަމަކު އެކަން ކާމިޔާބު ވާގޮތެއް ނުވި." ޖަރާޑް ބުންޏެވެ.
ސީޒަނުގައި ލިވަޕޫލަށް އަދި ބާކީ ދެމެޗް އޮތްއިރު، އެ ދެމެޗަކީ ޕްރިމިއާ ލީގުގެ ދެމެޗެވެ. އެއީ ޗެލްސީއާ ދެކޮޅަށް މިރޭ ކުޅޭ މެޗާއި އަންނަ ހޯމަ ދުވަހު ސްވެންސީއާދެކޮޅަށް ކުޅޭ މެޗެވެ.
މިރޭ ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ނިކުނައިރު، ޗެލްސީ ވަނީ ދުނިޔޭގެ އެންމެ ދުވަސްވީ ފުޓްބޯޅަ މުބާރާތް ކަމަށްވާ އިނގިރޭސި އެފްއޭކަޕުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލް 2-1 ލަނޑުން ބަލިކޮށް ތަށި އުފުލާލައިފި އެވެ.