އެހެން ދުވަސްތަކެކޭ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ކެޕްއިން މެނޭޖަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވެެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، މުއިއްޒަށް ވެރިކަން ލިބިއްޖެ ނަމަ ކައުންސިލްތައް ލާމަރުކަޒު ކުރަން މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި، މިއަދު ކައުންސިލްތައް ބާރުވެރި ކުރުވާ ލާމަރުކަޒު ކުރާ ވާހަކަ އެ ދައްކަނީ މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުރުމުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

"މުއިއްޒުގެ ވެރިކަމެއްގައި ހަމަ ކުރީގަ ރައީސް ޔާމީނުގެ ވެރިކަމުގައި ވަމުން ދިޔަ ގޮތައް ކައުންސިލް ތަކުގެ ކައުންސިލަރުން އިންތިޚާބު ކޮށްފައި ތިބޭ މީހުން ސަސްޕެންޑުކޮށް ކައުންސިލް އިދާރާތަކަށް ވަނަ ނުދީ ކަންކަން ކުރާނެ،" އޭނާ ވިދާޅުވިއެވެ.

ކެމްޕެއިނުގައި ޑރ. މުއިއްޒު އިއުލާނު ކުރައްވާ ސިޔާސަތުތަކާއި ވެވަޑައިގަންނަވާ ވައުދުފުޅުތަކަށް ފާޑު ވިދާޅުވެ މާރިޔާ ވިދާޅުވީ، ދެން އެންމެ އަވަހަކަށް މުއިއްޒު ބާއްވާ ކެމްޕެއިން ޖަލްސާއެއްގައި ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ ވާހަކަ ދައްކަވާނެ ކަމަށެވެ.

"ހަމަ ކޮޕީ ކުރައްވައިގެން އެ ވާހަކަ ދައްކަވާނެކަން އަޅުގަނޑު ޗެލެންޖު ކޮށްފަ މި ބުނަނީ،" މާރިޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޑރ. މުއިއްޒުގެ ކެމްޕެއިން ހިންގަނީ ރޭވުންތެރިކަމެއް ނެތި ކަމަށެވެ. އަދި، ކަންކަމަށް ވައުދުވެ ވަޑައިގަންނަވާ އިރު އެއްވެސް އިލްމީ ދިރާސާއެއް ވެސް ހައްދަވާފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ޑރ. މުއިއްޒުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދާ ކޮންމެ ޕްރޮޖެކްޓެއް ވެސް ދެވަނަ ފަހަރަށް ކުރިއަށް ގެންދަން ޖެހޭ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ މީގެ ކުރިން ވެސް ވަނީ ޑރ. މުއިއްޒަކީ ސަލަފް ޖަމިއްޔާއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެއް ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި، އެހެން ވިދާޅުވަނީ ސަބަބެއް ނެތިއެއް ނޫން ކަމަށާއި، ރަށްރަށުން ދޮރުން ދޮރަށް ކެމްޕެއިން ކުރައްވާ އިރު ވެސް މީހުން އެހެން ބުނާ ކަމަށް ވިދާޅުވިއެވެ.