އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ނިމުމަކާގާތަށް އައިސްފައިވާއިރު، ރޭ ވިގަން އެތުލެޓިކޯ އަތުން 1-0 ލަނޑުން ބަލިވެ، އެގާރަ އަހަރަށް ފަހު ބްލެކްބާން ރޯވާސް ޕްރިމިއާޝިޕަށް ރެލިގޭޓްވެއްޖެ އެވެ.

ބްލެކްބާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މިމެޗުގައި ވިގަންއިން ޖެހި އެޓީމުގެ ހަމައެކަނި ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕެރެގުއޭގެ ގައުމީ ޑިފެންޑަރ އެންޓޮލިން އަލްކަރާޒެވެ.

ރޭގެ މެޗުން ބަލިވެ، ބްލެކްބާން ރެލިގޭޓުވިއިރު، ލީގުގައި އެޓީމް އަދި ބާކީ އެއްމެޗް ކުޅެންޖެއެވެ. އެއީ އަންނަ ހޯމަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.

ރޭގެ ބައްޔާއެކު ލީގުގައި މިހާތަނަށް ބްލެކްބާނުން ކުޅުނު 37 މެޗުގެ ތެރެއިން އެޓީމަށް ލިބިފައި ވަނީ 31 ޕޮއިންޓާއެކު ތާވަލްގެ ފަހަތުން ދެ ވަނަ އެވެ.

ޖުމްލަ 20 ޓީމް ވާދަކުރާ މިލީގުގައި ރޭ ބްލެކްބާން އަތުން މޮޅުވެ، ތިން ޕޮއިންޓު ހޯދި ވިގަން އޮތީ 37 މެޗް ކުޅެ 40 ޕޮއިންޓާއެކު ތާވަލްގެ 15 ވަނައިގައެވެ.