އެމްޑަބްލިއުއެސްސީން ބ. މާޅޮހުގައި ތަރައްގީކުރި ފެނާ ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ނިންމާ މިއަދު އިފްތިތާހު ކޮށްފިއެވެ.

މި މަސައްކަތް އިފްތިތާހު ކޮށްދެއްވީ މިއަދު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެންޕޭނުގެ ތެރެއިން އެ ރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.

ޖުމްލަ 60 މިލިއަން ރުފިޔާގެ އެ ނިިޒާމު އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުު، ޙަސަން ޝާހު ބައިވެރިވެވަޑައިގަތެވެ.

މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު މިއަދު 'ސަން' އަށް ވިދާޅުވީ، މިކަމުގެ ސަބަބުން ވަރަށް ބޮޑު ފައިދާއެއް އެ ރަށުގެ ރައްޔިތުންނަށް ވެގެން ދާނެ ކަމަށެވެ.

އެ ގޮތުން ދެން ތަގައްޔަރުު ވެފައި ހުރި ފެނުގެ ބަދަލުގައި، ރަށުގެ ރައްޔިތުންނަށް ސާފު ފެން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މީގެ އިތުރުން ކޮންމެ ތިން މަހަކުން އެއްމަހަކު ޖަންކުޝަން ސާފު ކުރަން ނުޖެހުމަކީ ވެސް ރައްޔިތުންނަށް ލިބިގެން ދާނޭ ވަރަށް ބޮޑު ފަސޭހައެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ބ. މާޅޮހު ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކުރުން--ފޮޓޯ:އެމްޑަބްލިއުއެސްސީ

މީގެ އިތުރަށް ޝުޖާއު ވިދާޅުވީ ސާފު ބޯފެން ލިބުމަކީ ރަށުގެ އިގުތިސާދަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށެވެ.

"މި ރަށަކީ ލޯކަލް ޓޫރިޒަމް ވަރަށްބޮޑަށް އޮންނަ ރަށެއް. ޓޫރިސްޓުން ގެ ފަރާތުން ވެސް ލިބޭ ޝަކުވާއެއް އެއީ، ސާފު ބޯފެން ނުލިބުން. އެހެންވީމަ ރަށުގެ އިގުތިސާދަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ފައިދާއެއް މިއީ" ޝުޖާއު ވިދާޅުވިއެވެ.

މި މަޝްރޫގެ ދަށުން މާޅޮހުގައި ވަނީ މައިގަނޑު އަށް މަސައްކަތެއް ކޮށްފައެވެ. އެއީ، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތް ގާއިމު ކުރުމާއި، ފެނާއި ނަރުދަމާ ހޮޅީގެ މައި ނެޓްވޯކް އެޅުމާއި، ގޭގެއަށް ފެނާއި ނަރުދަމާ ގުޅާދިނުމާއި، ފެން ރައްކާ ކުރުމަށް ތާންގީ ބެހެއްޓުމާއި، ބޯހޯލް ތޮރުފުމާއި، ޕަންޕިން ސްޓޭޝަން އަދި ސީ އައުޓް ފޯލްގެ އިތުރުން ރިޖެކްޓް ލައިސެންސް އެޅުމެވެ. އަދި މީގެ އިތުރުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް އެ ރަށަށް ފޯރު ކޮށްދީފައިވެއެވެ.