08 May 2012, 17:19
އާއިލާބެހޭ ގާނޫނުގެ ދަރިންނަށް ހަރަދު ހޯދައިދިނުމުގެ ގަވައިދަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ޑީއާރްޕީން ބުނެފި އެވެ.
ޑީއާރްޕީގެ ކައުންސިލް މެމްބަރު އަދި ތުލުސްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރޮޒެއިނާ އާދަމް މިއަދު ވިދާޅުވީ ފެބްރުއަރީ 15، 2006 ގައި އަމަލު ކުރަން ފެށި އާއިލާއާ ބެހޭ ގާނޫނުން ބާރު ލިބިދޭ ހަރަދު ހޯދައިދިނުމުގެ ގަވައިދަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.
"އޭރާ އަޅާބަލާއިރު އިންފުލޭޝަން ރޭޓް ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވަނީ. އަދި މީހުނަށް ލިބޭ މުސާރައާ އެހެނިހެން ކަންކަން ވެސް އޭރާ އަޅާބަލާއިރު ބޮޑުތަން ތަފާތުވެފައިވަނީ އެހެންކަމުން މިގަވައިދަށް ބަދަލު ގެންނަން ޖެހޭ،" ރޮޒެއިނާ ވިދާޅުވި އެވެ.
ގަވައިދު ބުނާ ގޮތުން 16 އަހަރު ފުރެންދެން ދަރިފުޅުގެ ހަރަދުގެ ގޮތުގައި ނަގައިދެވޭނީ މަހަކު 450ރ. އެވެ. ނަމަވެސް ނޫސްވެރިންނަން މައުލޫމާތު ދެއްވަމުން ރޮޒެއިނާ ވިދާޅުވީ މިހާރުގެ ދިރިއުޅުމަށް ބަލާއިރު 450ރ. އިން ކުއްޖެއްގެ ހަރަދު ބެލެހެއްޓޭނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ.
"ހަމަ މިގަވައިދުގައި ބުނަނީ އަންނައުނުގެ ހަރަދުގެ ގޮތުގައި އަހަރަކު ތިން ހެދުން ކަމަށް ދޭން ޖެހޭނީ، އަދި އަހަރަކު ކިޔަވައިދިނުމުގެ ހަރަދުގެ ގޮތުގައި ދެ ޔުނީފޯމާއި އެއް ބޫޓް ދޭން ޖެހެނީ އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ މިގޮތަށް މިކަން ކުރެވޭނެކަމަކަށް،" ރޮޒެއިނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމާއްދާއިގައި ބުނާގޮތުން އަބިމީހާގެ ހަރަދަށް ވެސް ނަގައިދެވެނީ މަހަކު 500ރ. ކަމަށާއި މިހާރުގެ ހާލަތަށްބަލައި މިއަދަދު ބޮޑުކުރަން ޖެހޭ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ގަވައިދު އިސްލާހުކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ވާހަކަ ދައްކަމުން ގެންދާކަމަށާއި އެގޮތުން ނައިބު ރައީސާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވާނޭ ކަމަށެވެ. އަދި ގަވައިދަށް ގެންނަންޖެހޭ ބަދަލުތަށް ގެންނާނީ މިކަމާއި ގުޅުން ހުރި އެންޖީއޯތަކާއި ބައްދަލު ކުރުމަށް ފަހު ކަމަށް ވެސް ވިދާޅުވި އެވެ.
"ނައިބް ރައީސް ވިދާޅުވި ރައީސާ މަސްވަރާކުރައްވައިގެން މިކަމަށް އެހީތެރިވެ ދެއްވާނެކަމަށް، ގާނޫނީ ވަކީލުންނާއި ޔޫއެންގެ ބޭފުޅުންނާއި ބައްދަލުކުކޮށް މިހާރުގެ ހާލަތަށް ބަލާއިރު ބަދަލު ގެންނަންޖެހެނީ ކިހާވަރަކަށްތޯ މަޝްވަރާ ކުރައްވާނަން" ރޮޒެއިނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަދުވެގެން މަހަކު 1000ރ. ދޭންޖެހޭނެ ކަމަށާއި ނަމަވެސް ސީދާ އަގެއް ކަނޑައަޅާނީ މަޝްވަރާތަކަށް ފަހުގައި ކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ގަވައިދަށް ބަދަލު ގެންނާނެ ކަމަށެވެ.