ފޭސްބުކް އާއި އިންސްޓާގްރާމް އާއި ތްރެޑްސްގެ ވެސް ބެލެނިވެރި ކުންފުނި މެޓާގެ މައްޗަށް ނޯވޭގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީއިން ކޮށްފައިވާ ޖޫރިމަނާ ފަސްކޮށްދޭން ކޯޓުގައި އެދިއްޖެއެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މެޓާ ޖޫރިމަނާކޮށްފައި ވަނީ ޓެކް ކުންފުނިތަކުން އިޝްތިހާރު ކުރުމަށް އާންމުކޮށް ބޭނުންކުރާ މޮޑެލްއެއް ކަމަށްވާ 'ބިހޭވިއަރަލް އެޑްވަޓައިޒިން' މޮޑެލް ބޭނުން ކުރުމާ ގުޅިގެންނެވެ. އެއީ ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންގެ މައުލޫމާތު އެއްކޮށް، އެ މައުލޫމާތުގެ އެހީގައި އެ މީހުންނަށް އިޝްތިހާރު ދެއްކުމެވެ.

އެ މައްސަލައިގައި ނޯވޭގެ ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީއިން އަންގާފައި ވަނީ އޮގަސްޓު 14އިން ފެށިގެން ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހާ ހަމައަށް މެޓާއިން ކޮންމެ ދުވަހަކު ޖޫރިމަނާގެ ގޮތުގައި 94،313 ޑޮލަރު ދެއްކުމަށެވެ.

މެޓާއިން އޮސްލޯ ޑިސްޓްރިކްޓް ކޯޓުގައި އެދިފައި ވަނީ އެ ޖޫރިމަނާ ތަންފީޒު ކުރުން ފަސްކޮށްދިނުމަށް ވަގުތީ އަމުރެއް ނެރުމަށެވެ.

މީގެ ކުރިން މެޓާއިން ވަނީ، ބިހޭވިއަރަލް އެޑްވަޓައިޒިން މޮޑެލް ޔޫރަޕިއަން ޔޫނިއަން އާއި ޔޫރަޕްގެ ސިންގަލް މާކެޓް ކަމަށްވާ ޔޫރަޕިއަން އިކޮނޮމިކް އޭރިއާ (އީއީއޭ)ގައި ބޭނުންކުރުމުގެ ކުރިން ރުހުން ހޯދުމުގެ ވިސްނުން ގެންގުޅޭ ކަމަށް ބުނެފައެވެ.

ނަމަވެސް ޑޭޓާ ޕްރޮޓެކްޝަން އޮތޯރިޓީއިން ނެރުނު ބަޔާނެއްގައި ބުނީ ޖޫރިމަނާގެ ދިފާއުގައި ކޯޓުގައި މަސައްކަތް ކުރާނެ ކަމަށެވެ. އަދި މެޓާ ބޭނުންކުރާ ފަރާތްތަކުގެ ރުހުން ހޯދާނީ ކޮން އިރަކު، ކިހިނެއް ކަމެއް ނޭނގޭ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މެޓާއިން މީހުންގެ ހައްގުތަކަށް އަރައިގަންނަ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ނޯވޭގެ ރެގިއުލޭޓަރުގެ ނިންމުމަށް ޔޫރަޕިއަން ޑޭޓާ ޕްރޮޓެކްޝަން ބޯޑުން ތާއިދުކޮށްފި ނަމަ ޖޫރިމަނާ ދާއިމީ ކުރެވިދާނެއެވެ. އެއާއެކު، އެ ނިންމުމަށް ޔޫރަޕްގެ އެހެން ސަރަހައްދުތަކުގައި ވެސް އަމަލުކުރެވޭނެއެވެ.