27 Aug 2023, 10:31
އެޕަލް ވޮޗްގައި ހުންނަ ބްލަޑް އޮކްސިޖަން ސެންސަރުން ހަންގަނޑުގެ ކުލަ އަނދިރި ނުވަތަ ކަޅު މީހުންނާ މެދު "ނަސްލީ ތަފާތުކުރުން" ދައްކުވައިދޭ ކަމަށް ބުނެ އެމެރިކާގެ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައެއް ބޭރުކޮށްލައިފިއެވެ.
އެމެރިކާގެ މެންހަޓަންގެ ކޯޓަކަށް ހުށަހެޅި ކްލާސް އެކްޝަންގެ އެ މައްސަލަ އެމެރިކާގެ ޑިސްޓްރިކްޓް ގާޒީ ޖެޑް ރަކޯފް ބޭރުކޮށްލެއްވީ އެ މައްސަލަ ދެން ހުށަނޭޅޭ ގޮތަށެވެ.
މެންހަޓަންގެ އަޕަ އީސްޓް ސައިޑްގައި ދިރިއުޅޭ އެލެކްސް މޮރަލެސް އެ މައްސަލަ ހުށަހަޅަމުން ބުނީ ބޮޑު އަގު ދީފައި އޭނާ އެޕަލް ވޮޗެއް ގަތީ އެޕަލް ކުންފުނީގެ ބްލަޑް އޮކްސިޖަން އެޕްލިކޭޝަނުން "ހަމުގެ ކުލައަށް ތަފާތު ކުރުމެއް ނެތި" ލޭގެ އޮކްސިޖަން ލެވެލް ބަލައިދޭނެ ކަމަށް ހީކޮށް ކަމަށެވެ. ނަމަވެސް އެކުންފުނިން ވަނީ އެކަން ވަރަށް ބޮޑަށް ސިއްރުކޮށް އޮޅުވާލައިފައި ކަމަށް އެ ދައުވާގައި އޭނާ ބުނެފައިވެއެވެ.
މިދިޔަ މެއި މަހު ހުށަހެޅި އެމައްސަލާގައި ވަނީ، ދޮން ނަސްލުގެ މީހުންގެ ލޭގެ އޮކްސިޖަން ލެވެލް ދެނެގަތުމުގައި އެފަދަ ޕަލްސް އޮކްސިމެޓްރީ ޑިވައިސްތައް "ވަރަށް ބޮޑަށް ސައްހަ" ކަމަށް ބުނެފައެވެ.
ނަމަވެސް، ހިތާއި ނޭވާލާ ނިޒާމުގެ މައްސަލަތައް ދެނެގަތުމަށް އެހީތެރިވެދޭ ޕަލްސް އޮކްސިމީޓަރުތަކުން ކަޅު ނަސްލުގެ މީހުންގެ ލޭގެ އޮކްސިޖަން އަންދާޒާ ކުރުމުން އެކަށީގެންވާ ނަތީޖާއެއް ނުލިބޭކަމަށް ގިނަ ޑޮކްޓަރުންވެސް ދަނީ ޒަމާނުއްސުރެ ބުނަމުންނެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މިފަދަ ޑިވައިސްތަކުގެ ބައެއް އުނިކަންތައްތައް ހާމަވެފައިވާއިރު، ބައެއް ޕޭޝަންޓުންނަށް ފަރުވާ ދިނުން ލަސްވުން ނުވަތަ އިމަޖެންސީ ރޫމްތަކުން މާ އަވަހަށް ފޮނުވާލުން ފަދަ މައްސަލަތައް އެފަދަ ޑިވައިސްތަކުގެ ސަބަބުން ދިމާވެފައި ވެއެވެ.
އެޕަލް ވޮޗާ މެދު އާންމުންގެ މެދުގައި މިފަދަ ޚިޔާލުތަފާތުވުމެއް އުފެދިފައިވާއިރު، އެޕަލްއިން ބުނެފައިވަނީ މި ސެންސަރުގެ މަގުސަދަކީ ސިއްހީ ކަންކަން ރަނގަޅަށް ބެލެހެއްޓުމާއި މީހާގެ ދުޅަހެޔޮކަމަށް ބޭނުންވާ ވަސީލަތްތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.