08 May 2012, 17:01
ރާއްޖޭގެ ސިޔާސީ މަސްރަޙަށް ދިމާވެފައިވާ މައްސަލަތައް ޞުލްޙަވެރިކަމާއެކު ޙައްލުކުރެވޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން މަޝްވަރާކޮށްގެން ކަމަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޕެޓްރީޝިއާ އޭ ބުޓެނިސް ވިދާޅުވެއްޖެ އެވެ.
ޕެޓްރީޝިއާ އޭ ބުޓެނިސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކުގެ އަރިހަށް، މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި ވިދާޅުވީ ޕާޓީތަކުގެ މަޝްވަރާތައް ކުރިއަށް ގެންދެވުން ވަރަށް މުހިންމު ކަމަށެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު އުފެއްދެވި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެކަމުގައި އެމަނިކުފާނު އެއްވެސް ނުފޫޒެއް ނުފޯރުއްވާނެ ކަމަށެވެ. އަދި އެކޮމިޝަނަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވެސް ދެއްވެވި އެވެ.
އަދި ވިދާޅުވީ ކޮމިޝަނުގައި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން މަސައްކަތްކުރެއްވުމަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.
ރައީސް އޮފީހުގައި މިއަދު އޮތް މި ބައްދަލު ކުރެއްވުމުގައި، ޕެޓްރީޝިޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތް ގޮތުން ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ބޭރު ޤައުމުތަކުން ރާއްޖެއަށް ބޭނުންވާ އެހީ ލިބޭތޯ ބައްލަވާނެކަމަށް ވެސް ވިދާޅުވި އެވެ.