22 Aug 2023, 08:51
ނެށުމުގެ ދާއިރާއިން ހިންދީ ސިނަމާ ފަތަޙަކުރަމުން އަންނަ ނެށުންތެރިޔާ އަދި ފިލްމީ ބަތަލާ ނޯރާ ފަތުހީއަށް ކުޅިވަރަށް ހާއްސަ ތުރިލާއަކުން ފުރުސަތު ލިބިއްޖެއެވެ. ކުޅަދާނަ ސްޓަންޓް އަދި އެކްޝަން ފިލްމުތަކުން ފެނިފައިވާ އެކްޓަރު ވިދްޔުތު ޖަމްވާލާ އެކު ނޯރާ ސޮއިކޮށްފައިވާ މި ފިލްމުގެ ނަމަކީ، "ކްރެކް"އެވެ.
ޓީވީ ޗެނަލް ކްލާހުން ދެއްކި ރިއަލިޓީ ޝޯވް 'ޖަލަކް ދިކް ލާޖާ'އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ނޯރާ އެންމެ ފުރަތަމަ ފެނިފައިވަނީ އަނިލް ތަދާނީގެ ކުންފުނި އިންޑިއަން މޯޝަން ޕިކްޗާސްއިން އުފެއްދި "ރޯ:ޓައިގާސް އޮފް ދަ ސަންޑަބަންސް"އިންނެވެ.
އޭގެ ފަހުން ރިލީޒްވި ބޮޑެތި ފިލްމުތައް ކަމަށްވާ "ބާރަތު"، "ބަޓުލާ ހައުސް" އަދި "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ"ފަދަ ފިލްމުތަކުގައި ނޯރާ ވަނީ މަސައްކަތް ކޮށްފައެވެ. ހަމައެއާ އެކު ނޯރާގެ ފިލްމީ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމުތަކުގެ ތެރޭ ކޮރިއަގްރާފަރު ރެމޯ ޑިސޫޒާ ޑައިރެކްޓް ކުރި "ސްޓްރީޓް ޑާންސަރ 3D" ހިމެނެއެވެ.
މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ވާގޮތުން ވިދްޔުތާ އެކު ނޯރާ ކުޅޭ ފިލްމުގައި ބަތަލާ ފެންނާނީ ވެސް ލީޑް ރޯލުންނެވެ.
މި ފިލްމުގެ 60 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު މި ފިލްމުގައި ކުޅިވަރުގެ ދާއިރާއިން ފެންނަ އެތުލީޓުންގެ ދިރިއުޅުން ވަރަށް ބޮޑަށް ދައްކުވައިދޭނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ވިދްޔުތުގެ އަމިއްލަ ފިލްމް ކުންފުނިން އުފައްދާ މި ފިލްމުގައި ދެ ތަރިންނާ އެކު އެކްޓަރު އަރުޖުން ރާމްޕާލް ވެސް ވަރަށް މުހިއްމު ރޯލަކުން ފެންނާނެ ކަމަށް މީޑިއާ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
އަދި، މިފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުކުރެވޭނެ ކަމަށާއި ފިލްމު ރިލީޒް ކުރާނެ ތާރީޚު ވެސް ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ނޯރާގެ ކުރިއަށް ހުރި ފިލްމީ މަސައްކަތްތަކުގެ ތެރޭ "%100"ގެ ނަމުގައި އުފައްދާ ހެއްވާ މަޖާ ފިލްމެއްގެ އިތުރުން ރެމޯ ޑިސޫޒާގެ ފިލްމު "ޑާންސިންގް ޑޭޑް" ހިމެނެއެވެ. ނޯރާއާ އެކު މި ފިލްމުގައި ލީޑް ރޯލް ކުޅޭނީ އެކްޓަރު އަބީޝޭކް ބައްޗަންއެވެ.