21 Aug 2023, 22:27
(އައްޑޫ ސިޓީ ހިތަދޫއިން، ޢާލިމް އަބްދުއްލަތީފް)
ބްރިޖް އެޅުނުތަނާއި އަޅަން އުޅެ ނޭޅުނު ތަން ވެސް ރައްޔިތުންނަށް ފެނިއްޖެކަމަށް ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދޫގައި މިރޭ ވާހަކަ ދައްކަވަމުން މުުއިއްޒު ވަނީ އެ ސިޓީގެ ހިތަދޫއާއި ހުޅުމީދޫ ގުޅައިލަދޭ ބްރިޖެއް އަޅައިދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.
"މިއަދު މި ފެންނަނީ މި ރާއްޖޭގެ ތަރައްގީ އެތައް ގުނައެއް ފަހަތަށް ސޮއްސައިލައިފައިވާތަން. ދެން އަނެއްކާ މި ޖެހެނީ ނަގާ ކޮޅަށް ޖަހަން. އެހެން ނަމަވެސް އެއީ ކުރެވޭނެކަމެއް،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ތަރައްގީގެ ކަންކަމުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ އުންމީދުތައް ފޮނިކަމަށާއި ފޮނިވާން ޖެހޭނެކަން ގަބޫލު ވެސް ކުރައްވާ ކަމަށެވެެ. އަދި އައްޑޫ ރައްޔިތުންގެ ތަރައްގީގެ ކުލަވަރު ހަގީގަތަކަަށް ހަދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ.

ޑރ. މުއިއްޒު މިރޭގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ --
އޭނާ ވިދާޅުވީ އައްސޭރި ޓޫރިޒަމްގެ ޕްރޮޖެކްޓް ކުރިއަށް ގެންގޮސްދެއްވާނެ ކަމަށެވެ. އެ ޕްރޮޖެކްޓުގައި ސަރުކާރުން ބައިވެރިވެ، ސަރުކާރުން އިންވެސްޓް ވެސް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
"6000 އެނދު މި ސިޓީގައި ގާއިމުކޮށް އެ [އައްސޭރި ޓޫރިޒަމް] މަޝްރޫއު ތިޔަ ރައްޔިތުންނަށް ހާސިލުކޯށްދޭނަން. އޭގެން އުފެދިގެން ދާނީ 10 ވަރަކަށް ހާސް ވަޒީފާ،" އޭނާ ވިދާޅުވިއެވެ.
ސީޕްލޭންގެ މައި ހަބު ހުރީ މާލޭގައިކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، އައްސޭރި ޓޫރިޒަމްގެ ޕްރޮޖެކްޓުގެ ސަބަބުން އައްޑުއަށް ސީޕްލޭން ހަބެެއް ގެންނަން ޖެހޭނެ ކަމަށެވެ.
"ސީޕްލޭން ހަބު ގެނެވުނީމަ މި އަތޮޅަށް އެކަންޏެއް ނޫން އޭގެ ފައިދާ ކުރާނީ. ފުވައްމުލަކާއި ގއ. ގދ ގައި ހުރި ރިސޯޓުތަކަށް މި ސީޕްލޭން ހަބުން ފައިދާކުރާނެ،" މުއިއްޒު ވިދާޅުވިއެވެ.
"ރައްޔިތުން މި ކަމުގައި އަޅުގަނޑުމެންނާއެކު ކުރިއަށް ދާން ނިންމަވައިފިނަމަ ހަމަ ޔަގީނުން ވެސް ރައްޔިތުންނަށް މި ކަން ހާސިލުކޮށްދޭނަން،"

ހިތަދޫގައި ޕީޕީއެމް، ޕީއެންސީން ބޭއްވި ޖަލްސާގެ ތެރެއިން --
މީގެ އިތުރުން، ރައީސް ޔާމީން 2018ގައި މި ސިޓީއަށް ވިދާޅުވެދެއްވި ހިތަދޫއާއި ހުޅުމީދޫ ގުޅުވައިލަދޭ ބްރިޖްގެ މަޝްރޫ ކުރިއަށް ގެންގޮސްދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ އެއީ ބްރިޖެެއް އަޅަން އެކަނި ކުރާ ކަމެއް ނޫން ކަމަށާއި އެއީ ތަރައްގީއަށް އެޅޭ ފާލަމެއްކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
"ރާއްޖޭގައި ބްރިޖް އެޅުމުގެ މަޝްރޫތަކުގައި ތަފާތު ފެނިފައިވާނީ، ބްރިޖެއް އެޅުނުތަނާ ބްރިޖް އަޅަން އުޅެ ނޭޅުނުތަން ފެނިފައިވާނީ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އައްޑޫއަށް އެންމެ މުހިންމު ކަންކަމުގެ ތެރޭގައި ހިމެނޭނީ ގެދޮުރުވެރިކަމާއި ވަޒީފާގެ ފުރުސަތު ހޯދައިދިނުން ކަމަށް ވެސް ވިދާޅުވިއެވެ..
މި ސިޓީގެ ރައްޔިތުންނަށް ވެސް ގެދޮރުވެރިކަމާއި ވަޒީފާގެ ޔަގީންކަން ހޯއްދަވައިދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ،
"ޖުމުލަ ގޮތެއްގައި ތަރައްގީއަށް މި ސިޓީއަށް ބޭނުބްވާ ވަރަށް ގިނަ ކަންތައްތައް އެއި ތަރުތީބުކށޮ އަޅުގަނޑުމެން ސަރުކާރެއްގައި ކުރިއަށް ގެންދާނެ ކަންތައްތައް،" މުއިއްޒު ވިދާޅުވިއެވެ.