ނ. މިލަދޫގައި ބިދޭސީން ޓީޗަރުންތަކެއް އުޅޭ ގެއަކަށް ބަޔަކު ވަދެ ވައްކަންކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ބިދޭސީ ޓީޗަރުންތަކެއް ދިރިއުޅެމުން ދިޔަ ގެއަކަށް ބަޔަކު ވަދެ ވައްކަން ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އިއްޔެ ހަވީރު ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ ފުލުހުންގެ ޓީމެއް އެ ރަށުގައި މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ނަމަވެސް އިތުރު ތަފްސީލު އަދި ސާފުނުވާ ކަމަށެވެ.

މިލަދޫން ވާހަކަ ދެއްކި މީހަކު ބުނީ އިންޑިއާ ތިން ޓީޗަރަކު ދިރިއުޅޭ "އަކިރިގެ" އަށް ވަދެ 2000ރ. ވަގަށް ނަގާފައިވާ ކަމަށެވެ. އަދި ޓީޗަރުން ގެންގުޅުނު ބައެއް ސެޓްފިކެޓްތައް ބޮނޑިކޮށް ވިދާފައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަދި ވައްކަން ކުރި އަކިރިގެ އަކީ ބިދޭސީ ގިނަ ޓީޗަރުންތަކެއް ތިބޭ ގެއެއް ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި ވައްކަން ކޮށްފައި ވަނީ އެގޭގެ އެއްކޮޓަރިންނެވެ. ނަމަވެސް އެކޮޓިރީގައި ދިރިއުޅޭނީ އަންހެން ޓީޗަރުންތަކެއް ކަމެއް ނުވަތަ ފިރިހެން ކަމެއް ސާފެއް ނުވެ އެވެ.

ޓީޗަރުން ދިރިއުޅޭ އެގެއިން ވައްކަން ކޮށްފައި ވަނީ ފެންލައިޓެއް ހަލާކުކޮށްލައިގެން ވަދެ ކަމަށް ވެސް އެމީހާ ބުންޏެވެ.
މީގެ ކުރިންވެސް ވަނީ އަކިރިގޭގައި ބިދޭސީންތަކެއް ދިރިއުޅެމުން ދަނިކޮށް ވަގުންތަކެއް ވަދެފަ އެވެ. ނަމަވެސް އެފަހަރު އެގައިން ވައްކަން ކުރިކަމެއް އެނގިފައެއް ނެތެވެ.