21 Aug 2023, 23:06
ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގައި ރާއްޖެ ތަރައްގީކޮށް ކުރިއެރުވުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާ އެކީގައި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނާއެކު މަސައްކަތްކުރުމަށް ކޯލިޝަން ހަދައިފައިވާ އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދު މިރޭ ދެއްވައިފިއެވެ.
ބ. ތުޅާދޫގައި މިރޭ އޮތް އެމްޑީޕީގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ ރައްޔިތުންގެ ތެރެއިން އަދިވެސް އުފައްދަމުން އަންނަ ސުވާލަކީ ފަސް އަހަރު އެކީގައި މަސައްކަތް ކުރާނެތޯ އުފައްދާ ސުވާލު ކަމަށެވެ.
އެ ސުވާލަށް އެ މަނިކުފާނު ސާފު ޖަވާބެއް މިރޭވަނީ ދެއްވައިފައެވެ.
"އަޅުގަނޑު ވަރަށް ސާފުކޮށް ރައްޔިތުންނަށް މި ދަންނަވަނީ އާނއެކޭ. އަޅުގަނޑު އިބްރާހީމް މުޙައްމަދު ޞާލިހާއެކު އިރާދަކުރެއްވިއްޔާ މި އަންނަ ތަރައްގީގައި ކުރިއަށް ދާން އަޅުގަނޑު މި ހުރީ އަތުކުރި އޮޅައިލައިގެންނޭ،" ސިޔާމް ވިދާޅުވިއެވެ.
އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުޙައްމަދާއި ރައީސް ޞާލިހު ތުޅާދޫގައި -- ފޮޓޯ/ އެމްޑީޕީ
ސިޔާމް ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތުގެ 25 އަހަރުގެ ތެރޭ މީގެ ކުރިން ވެރިކަން ކުރެއްވި އެކި ވެރިންނާއެކު ކެމްޕޭނަށް ރަށްތަކަށް ވަޑައިގެންނެވިއްޖެކަމަށެވެ. ނަމަވެސް ރައީސް ޞާލިހު ފިޔަވައި އެހެން އެއްވެސް ވެރިއަކު ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތައް އަޑުއައްސަވައިފައި ނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ވެރިން އުޅުއްވަނީ އަމިއްލަ ވިސްނުންފުޅެއްގައިކަމަށް ސިޔާމް ވިދާޅުވިއެވެ. ނަމަވެސް 25 އަހަރު ތެރޭ ބަދަލެއް ފެނިވަޑައިގަތީ ރައީސް ޞާލިހާއެކު ކަމަށް ސިޔާމް ވިދާޅުވިއެވެ.
"އެއްބުރުން މި ކަން ކާމިޔާބުކުރަން ޖެހޭ އަޅުގަނޑުމެން. ސަބަބަކީ ތަޖުރިބާ ހުރި މީހެއްގެ ގޮތުން އަޅުގަނޑު މި ދަންނަވަނީ،" ސިޔާމް ވިދާޅުވިއެވެ.