21 Aug 2023, 19:51
ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ވަޑައިގެންނެވުމުން އޭނާއަށް މަރުހަބާ ކިޔަން ގިނަ އަދަދެއްގެ ބަޔަކު ނުކުމެއްޖެއެވެ.
އައްޑުއަށް މިއަދު ހަވީރު މުއިއްޒު ވަޑައިގެންނެވިއިރު، ގަމު އިންޓަނޭޝަނަލް އެއާޕޯޓުގައި ގިނަ އަދަދެއްގެ ބަޔަކު އޭނާއަށް މަރުުހަބާ ކިޔަން ގޮސް ތިއްބެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ޒުވާނުން ހިމެނެއެވެ.
އެއާޕޯޓުން މުއިއްޒަށް ފުރަތަމަ މަރުހަބާ ދެންނެވީ އޭނާގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފެވެ. މުއިއްޒާއެކު މި ދަތުރުގައި ކޯލިޝަން ލީޑަޝިޕްގެ ގިނަ ބޭފުޅުން ވެސް ބައިވެރިވިއެވެ. އަދި މުއިއްޒަށް ތާއީދުކުރަން ނިންމެވި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މުއިއްޒަށް މަރުހަބާ ކިޔުމަށް ދިގު ލައިނެއް ދަމައިލައިފައި އޮތީ އެއާޕޯޓުގެ އެރައިވަލް ޓާމިނަލުން ސައުތު ލޭންޑް ރެސްޓޯރެންޓާ ހިސާބަށެވެ.
އެންމެ ފަހުން ބޭއްވި 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އައްޑޫގެ މެޖޯރިޓީ ނެގީ އެމްޑީޕީންނެވެ. މިއީ އައްޑޫއިން މިހާ ހޫނު މަރުހާބާއެއް ޕީޕީއެމަށް ކީ ފުރަތަމަ ފަހަރުކަމަށް އެ ތަނުގައި ތިބި ބައެއް މީހުން ބުންޏެވެ.

އައްޑޫ އިން މުއިއްޒަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައި --
އެއާޕޯޓުގައި ހުންނަވާ މުއިއްޒު ވަނީ އައްޑޫގެ ރައްޔިތުން އޭނާއަށް ކީ މަރުހަބާއަށް ޝުކުރު އަދާކުރައްވައިފައެވެ.
"މީގެން މި ފެނިގެން ދަނީ މި ސަރުކާރުގެ ކަންކަމާ ދޭތެރޭ ރައްޔިތުން ހިތްހަމަނުޖެހިފައި ތިބި ވަރު. އަދި ރައީސް ޔާމީނަށް އޮތް ތާއީދު،"
މި ޕާޓީ ވެރިކަމަށް ގެނެސް މި އައްޑޫ ސިޓީ ތަރައްގީކޮށް ރައްޔިތުން އުންމީދުތައް ހާސިލުކޮށްދިނުމަަށްް އިތުބާރުކުރާ މިންވަރު ހާމަވެެގެންދަނީ،"
އައްޑޫގެ ރައްޔިތުންނަށް މުއިއްޒު ދެއްވި ޔަގީންކަމަކީ އިހްލާސްތެރިކަމާއެކު އެ ރައްޔިތުން އެދޭ ކަންކަން އިހްލާސްތެރިކަމާއެކު ހާސިލުކޮށްދެއްވާނެ ކަމަށެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި މިރޭ ކެމްޕޭން ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.